ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ އެއްލައްކަ ރުފިޔާއަށް ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތުކޮމެޓީން ފާސްކޮށްފިއެވެ.

މަޖިލިސް މެންބަރުންނަށް މިހާރު ލިބެނީ މަހު މުސާރައިގެ ގޮތުގައި މެންބަރަކަށް 62،500ރ އެވެ.

މާލިއްޔަތު ކޮމެޓީގެ އިއްޔެގެ ބައްދަލުވުމުގައި ފާސްކޮށްފައި ވަނީ މަޖިލީހުގެ ކޮންމެ މެންބަރަކަށް މަހަކު މުސާރައަށް މަހަކު 17،500ރ. އިތުރުކޮށް މަހު މުސާރައިގެ ގޮތުގައި 80،000ރ ލިބޭގޮތައް މުސާރަ ބޮޑު ކުރާށެވެ.

މަޖިލިސް މެންބަރަކަށް ކޮމެޓީ އެލަވަންސްގެ ގޮތުގައި މިހާރު ވެސް 20،000ރ.ގެ އެލަވަންސެއް ލިބިވަޑައިގަންވާއިރު، ކޮމެޓީގެ މި ފާސްކުރުމާއެކު މެންބަރަކަށް މަހަކު މުސާރައާއި، އެލަވަންސްގެ ގޮތުގައި 100،000ރ ލިބިވަޑައިގަންނަވާނެއެވެ.

މަޖިލީހުގެ މެންބަރުންގެ ކޮމެޓީ އެލަވަންސަކީ އެ މެންބަރަކު ކޮމެޓީތަކުގައި ބައިވެރިވެވަޑައިގަންނަވާ ނިސްބަތަށް ދެވޭ އެލަވަންސެއްކަމަށްވާތީ، އެ މެންބަރެއް ނިސްބަތްވެވަޑައިގަންނަވާ ކޮމެޓީތަކުން ތާވަލުކުރާ ބައްދަލުވުންތަކަށް ވަޑައިނުގަންނަވާ ބައްދަލުވުންތަކުގެ ނިސްބަތުން އެލަވަންސް އުނިވެއެވެ.

މަޖިލީހުގެ މިހާރުގެ މެންބަރުންގެ މިހާރުގެ އަދަދަކީ 87 ނަމަވެސް، އަންނަ 20 ވަނަ މަޖިލީހުގައި 93 މެންބަރުން ތިއްބަވާނެއެވެ.