ކުޅުދުއްފުށި ސިޓީގައި ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރުމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އާއެކު ސިޓީ ކައުންސިލުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއެއްބަސްވުމުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު މުބީން އެވެ. ކުޅުދުއްފުށި ކައުންސިލުގެ ފަރާތުން ސޮއި ކުރެއްވީ މޭޔަރު މުހައްމަދު އާތިފެވެ.

މިއެއްބަސްވުމުގެ ދަށުން އެއާޕޯޓް އިންވެގެން ކުޅި ހިމެނޭހެން އުތުރަށް އޮތް ހުސްބިމުގައި ޓުއަރިޒަމް ޒޯނެއް ތަރައްގީ ކުރުމަށާއި، އަދި އާރްއޭސީއެލްގެ ފަރާތުން ޓުއަރިޒަމް ޒޯން ތަރައްގީ ކުރުމަށް ބޭނުންވާ ފަންޑިންގ ނުވަތަ އިންވެސްޓަރުން ހޯދުން ހިމެނެ އެވެ.

މި މަޝްރޫއުގެ އެންމެ މައިގަނޑު އެއް ބޭނުމަކީ، މިވަގުތު އެބިމަކީ ބޭނުމެއް ނުކުރެވި އޮތް ހުސްބިމަކަށްވާތީއާއި ކުޅުދުއްފުއްޓަށާއި އަދި ކުޅުދުއްފުށީގެ ރައްޔިތުންނަށްވެސް އެންމެ މަންފާކުރާނެ މަޝްރޫއެއް އެބިމުގައި ކުރުމެވެ.

މިފަދަ ތަރައްޤީއެއްގެ ސަބަބުން، ކުޅުދުއްފުށި ސިޓީ އާއި ކުޅުދުއްފުށީގައިވާ އެހެނިހެން ގެސްޓްހައުސްތަކާއި ވިޔަފާރިތައް އިތުރަށް ދުނިޔޭގައި މާކެޓް ވެގެންދާނެއެވެ.