ރަސްމާލެ މަޝްރޫއު ކުރިޔަށް ގެންދަނީ ދިވެހި ދައުލަތުން އެއްވެސް ހަރަދެއް ކުރަންނުޖެހޭ ގޮތަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދަރުބާރުގޭގައި ރޭ ބޭއްވި "ކަންގަތި އެވޯޑް 2023" ދިނުމުގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ ދިވެހި ރައްޔިތުންނާ އެއްކޮޅަށް އަދި ދިވެހި ގައުމާ އެއްކޮޅަށް ކަންކަން ނިންމުމުގެ ސިޔާސަތުކަމަށެވެ. އެގޮތުން ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނާ އެންމެ ގިނަ ބަޔަކު ހިއްސާކުރެއްވި ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ ކަންބޮޑުވުންތައްކަން އެމަނިކުފާނު ފާހަގަކުރައްވާ ވިދާޅުވީ ރަސްމާލެ ހިއްކުމުގެ ބިޔަ މަޝްރޫއެއް އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާތެރޭގައި ފަށްޓަވަން ނިންމެވީ ވެސް ރައްޔިތުންގެ އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވުމަށް ކަމުގައެވެ. އަދި އެމަޝްރޫއު އެގޮތުގައި ކުރިޔަށް ގެންގޮސް ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ރަސްމާލެއާއި ގުޅީފަޅަށް އިތުރުކުރެވޭ ބޮޑު ބިމާއި، ގިރާވަރު ފަޅުން އިތުރަށް ހިއްކައި އިތުރުކުރެވޭ ބޮޑު ބިމާއި މިހާރު އޮތް ހުޅުމާލެއާއެކު ދިވެހީންގެ ގެދޮރުވެރިކަމުގެ ޒަމާންވީ ހިތްދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެކަމުގައި އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ. ހަމަ މި ފަސް އަހަރު ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގޭ އެކި މަޝްރޫއުތަކުން މުޅި ރާއްޖެއަށް ގެދޮރުވެރިކަމުގެ މައްސަލަ ދާއިމަށް ހައްލުގެނެސް ދެއްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

މި ހަފުލާގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ދައުލަތުގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ކަންގަތި އެވޯޑަކީ އެލްޖީއޭއިން ލޯކަލް ކައުންސިލުތައް މިންކުރުމަށް އެކުލަވާލާފައިވާ ލޯކަލް ކައުންސިލް ޕަރފޯމަންސް އިންޑެކްސްގެ ދަރަޖަތައް ބަލައި ވަނަވަނައަށް އަންނަ ކައުންސިލުތަކަށް އެ އޮތޯރިޓީން ދެމުންއަންނަ އެވޯޑެކެވެ.

މި ހަފުލާގައި، ފާއިތުވި އަހަރު ޕަރފޯމަންސް އިންޑެކްސްއިން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހާސިލުކުރި ރަށުކައުންސިލުތަކަށްދޭ "ރަނަހަމާންތި ދަރަޖަ" އަދި ޕަރފޯމަންސް އިންޑެކްސްއިން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހާސިލުކުރި އަތޮޅު ކައުންސިލުތަކަށްދޭ "ގަދަހަމާންތި ދަރަޖަ" އަދި ސިޓީ ކައުންސިލްތަކަށްދޭ "ހިރިހަމާންތި ދަރަޖަ" ހާސިލުކުރި ސިޓީ ކައުންސިލުތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސް ޑރ. މުއިއްޒެވެ.

މި ހަފުލާގައި، ފާއިތުވި އަހަރުގެ ރޭންކިންގއާ އަޅާބަލާއިރު އެންމެ ބޮޑުކުރިއެރުމެއް ހޯދި އަތޮޅު އަދި ރަށު ކައުންސިލުތަކަށް "ކާންނާ ހަނދާނީ ފިލާ" އަދި ކައުންސިލް ޕާފޯމަންސް އިންޑެކްސް ވަކިވަކި ސަބްއިންޑެކްސްތަކުން އެއްވަނަ ހާސިލުކުރާ އަތޮޅު އަދި ރަށު ކައުންސިލުތަކަށް "މާރާދަ ހަނދާނީފިލާ" ހަވާލުކޮށްދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ.

ލޯކްލަ ގަވަރމަންޓް އޮތޯރިޓީން އިންތިޒާމުކޮށް ބޭއްވި ކަންގަތި އެވޯޑް 2023 ގެ ހަފުލާގައި ވަނީ "ލޯކަލް ކައުންސިލުތަކުގެ ރޭންކިންގ 2021އިން 2022" ފޮތް އިފްތިތާހް ކޮށްދެއްވާފައެވެ. މި ފޮތް ނެރެދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.