ޣައްޒާއަށް ކުރިމަތިކުރަމުންދާ ލާއިންސާނީ އަމަލުތައް ނިމުމަކަށް ގެނައުމަށް، އ.ދ.ގެ ސަލާމަތީ މަޖިލީހުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ނާކާމިޔާބުވެފައިވާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އެކަން ކުށްވެރި ކުރައްވައިފިއެވެ.
އެމަނިކުފާނު މި ވަރުގަދަ ބަޔާން ދެއްވީ، ނިއުޔޯކްގައި ކުރިއަށްދިޔަ އ.ދ.ގެ އާންމު މަޖިލީހުގެ 10 ވަނަ ކުއްލި ހާއްސަ ޖަލްސާގެ 45 ވަނަ ޕްލެނަރީ މީޓިންއަށް، ފޮނުއްވި މެސެޖުގައެވެ.
މި ޖަލްސާގައި، ރައީސްގެ ފަރާތްޕުޅުން، މި ބަޔާން އިއްވެވީ އދ.އަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ ޝާޒޭ ޑި އެފެއާޒް އަދި ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓޭޓިވް ޑޮކްޓަރ އިބްރާހީމް ޒުހުރީއެވެ.
އެމަނިކުފާނުގެ މެސެޖުގައި އ.ދ. ގެ ސަލާމަތީ މަޖިލީހުން އެ މައްސަލަ ވީޓޯކުރުމުގެ ސަބަބުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލުމުގައި ފެއިލްވުމުގެ އިތުރުން، މިކަމުގެ ސަބަބުން ހަނގުރާމައިގެ ޖަރީމާތަކަށް މަގުފަހިކޮށްދެމުންދާތީ، މިހާރު ދުނިޔޭގެ އެތައް މިލިއަން ބަޔަކު އިންސާނިއްޔަތުގެ އަގާއި އ.ދ.ގެ ބޭނުންތެރިކަމާމެދު ސުވާލު އުފައްދަމުންދާކަމުގައި ވިދާޅުވިއެވެ.
މީގެ 78 އަހަރު ކުރިން އ.ދ. އުފެދުނީ ދެވަނަ ބޮޑު ހަނގުރާމައިގައި ކުރިމަތިވި ފަދަ އަނިޔާވެރިކަމެއް ދުނިޔެއަށް ދެން ފެންނަން ނޭދޭތީ، އެކަން ކަށަވަރުކުރުމަށްކަމުގައި ފާހަގަކުރައްވަމުން، ބައިނަލްއަގްވާމީ ސުލްހައާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދެމެހެއްޓުމަކީ އ.ދ.ގެ ސަލާމަތީ މަޖިލީހުގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެއްކަމުގައި ރައީސް ވިދާޅުވިއެވެ. ހަމަ އެއާއެކު ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް، އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި ލާއިންސާނީ އެންމެހައި ޢަމަލުތައް ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓުން ތަހުޤީޤުކޮށް، ފަލަސްޠީނުގެ ރައްޔިތުންނަށް އިންޞާފު ހޯދައިދިނުމަށް، ރާއްޖެއިން ގޮވާލައްވަމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
7 އޮކްޓޫބަރު 2023 ގެ ކުރިން ވެސް އިސްރާއީލުގެ ބާރުގެ ދަށުން ފަލަސްޠީނަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާކަންވެސް އެ ބަޔާނުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން، އިންސާނީ ހައްގުތައް ދެމެހެއްޓުމުގައި ދެފުށް ފެންނަ މިންގަނޑުތަކެއް ގެންގުޅުމަށް އ.ދ.ގެ ސަލާމަތީ މަޖިލީހަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި އާންމު ރައްޔިތުންގެ ހިމާޔަތަށް ހާއްސަ ސަމާލުކަމެއް ދިނުމާއެކު، ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކުގައި ހިފަހައްޓައި އެ ގާނޫނުތަކުގައިވާ ގޮތަށް އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރިހާ ފަރާތްތަކަކަށްވެސް ބާރުއެޅުއްވުން އިތުރުކުރުމަށް އ.ދ.ގެ ޖެނެރަލް އެސެމްބްލީގެ ބައިވެރިންގެ ފަރާތުން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. އަދި ގަވާއިދާ ހިލާފަށް ފަލަސްޠީނުގައި މީހުން ވަޒަންވެރިކުރުން އިތުރުކުރުމާއި، ފަލަސްޠީނުގެ އިގްތިސާދު އެކަހެރިކުރުން ހުއްޓުވުމަށް، އިސްރާއީލު ސަރުކާރަށް، ބައިނަލްއަޤްވާމީގޮތެއްގައި ބާރުއެޅުމަށް ރައީސް ގޮވާލެއްވިއެވެ.
އ.ދ.ގެ މި ކުއްލި ބައްދަލުވުމަކީ މިޞްރާއި، މޮރިޓޭނިއާގެ އެދުމުގެ މަތިން އ.ދ.ގެ އާންމު މަޖިލީހުގެ ޤަރާރު 377 "ޔުނައިޓިންގ ފޮރ ޕީސް" ކަމުގައި ފާހަގަކުރައްވައި، މި ޤަރާރު ދިވެހިރާއްޖެއިން ކޯ-ސްޕޮންސަރ ކުރައްވާފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ ޤަރާރުގައި ވަނީ، އިސްރާއިލުން ހިންގާ ލާއިންސާނީ ހަނގުރާމަ ހުއްޓާލުމަށާއި، ރަހީނުކުރި އެންމެން ވަގުތުން ވަގުތަށް ޝަރުތެއްނެތި ދޫކޮށްލުމަށާއި، ހަމަނުޖެހުންތަކުގެ ސަބަބުން ގެއްލުން ލިބުނު ހުރިހާ ސަރަޙައްދަކަށް ހުއްޓުމެއްނެތި އިންސާނީ ވަސީލަތްތައް ލިބޭނެކަމުގެ ޔަގީންކަން ދިނުމަށް ގޮވާލުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޣައްޒާއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއާ ގުޅިގެން އ.ދ.ގެ އާންމު މަޖިލީހާއި ހިއުމަން ރައިޓްސް ކައުންސިލް އަދި އ.ދ.ގެ ސަލާމަތާބެހޭ މަޖިލިސް ފަދަ އެކި ފޯރަމްތަކުގައި ދިވެހިރާއްޖޭގެ ސަރުކާރުން އަންނަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަދި ރައީސް ވަނީ ފަލަސްޠީނުގެ ރައްޔިތުންނާއި، ފަލަސްޠީނުގެ ސަރުކާރު، އަމިއްލަ އިހްތިޔާރުގެ ހައްގު ހާސިލުކުރުމަށް ކުރާ މަސައްކަތުގައި، ދިވެހި ރައްޔިތުންނާއި، ދިވެހި ސަރުކާރު ސާބިތުކަމާއެކު އެންމެ ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ .
ރައީސްގެ މެސެޖުގައި، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްޠީނުގެ ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، ފަލަސްޠީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމުކުރުމަށް ގޮވާލެއްވިއެވެ.