ސްކޫލުތަކުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށެންވާއިރަށް މާލޭ ޖަލު ހުސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.
މާލޭ ޖަލު ހުސްކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އެ ޖަލާއި ޖެހިގެން ހުރި ބިމުގައި ދަރުމަވަންތަ ސްކޫލު އިމާރާތް ކުރުމުންނެވެ.
މާލޭ ޖަލު ހުސްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ހާމަކޮށް ކަރެކްޝަންސްގެ އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު އާސިފްވި ދާޅުވީ މާލޭ ޖަލުން ގައިދީން ބަދަލު ކުރަން މާފުށީ ޖަލުގެ ބައެއް ޔުނިޓްތަކަށް ބަދަލު ގެނެސް ޖާގަ ހަދާފައިވާ ކަމަށެވެ.
އަދި އައްސޭރި ޖަލުގައިވެސް ޖާގަ އިތުރުކޮށްފައިވާ ކަމަށް އާސިފް ވަނީ ވިދާޅުވެފައެވެ.
މިގޮތުން އުންމީދަކީ ދެވަނަ ޓާމުގެ ކިޔެވުން ފެށެންވާއިރަށް މާލޭ ޖަލު ހުސްކޮށް ނިންމާލުން ކަމަށް އާސިފް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ކޯޓަށާއި ސިއްޙީ ފަރުވާއަށް މާލެ ގެންނަ ގައިދީން ކަރެކްޝަންސްގެ އެނެކްސް އެކެއްގެ އިމާރާތުގައި ބޭތިއްބޭނެ އިންތިޒާމު ހަމަޖައްސަން މަސައްކަތް ކުރަމުންދާ ކަމަށް އާސިފް ވިދާޅުވިއެވެ.