ރައްޔިތުންގެ ހާލު ބެއްލެވުމުގައި ދެމި ހުންނަވާނެ ކަމަށާ ކުރިއަށް އޮތް ހަފްތާ ބަންދުގައި ސަރުކާރުގެ ހާއްސަ ވަފުދުތަކެއް ރާއްޖޭގެ ހުރިހާ ރަށްތަކަށް ދަތުރު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ރޭ އޮތް "ކަންގަތި އެވޯޑް 2023" ގެ ޖަލްސާ ގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވާނީ ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުންނާއި ގާތުން ކަމަށެވެ. ރައްޔިތުންނާއި ބައްދަލު ކުރެއްވުން އިތުރު ކުރައްވާނެ ކަމަށާ ހާލު ބައްލަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަދި އެމަނިކުފާނުގެ ކެބިނެޓާއި ކުންފުނިތަކުގެ ވެރީން ވެސް އެ މަގުން އަމަލު ކުރައްވާނެ ކަމަށެވެ.

އެގޮތުން ހުރިހާ ރަކަށް ވަޒީރުންނާއި ކުންފުނިތަކުގެ ވެރީން ހިމެނޭހެން ވަފުދުތަކެއް ރާއްޖޭގެ ހުރިހާ ރަށަކަށް މި ހަފްތާގެ ބަންދުގައި ދަތުރު ކުރާނެ ކަމަށް ވިދާޅުވި އެވެ. އެ ދަތުރުތަކުގެ ބޭނުމަކީ ރައްޔިތުންގެ ހާލު އަހުވާލު ބަލާ އޮޅުން ފިލުއްވުން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު މަސައްކަތް ކުރާނީ ރައްޔިތުންގެ އަޑު އަހައިގެން. ރައްޔިތުންނާއި ގާތުން. އަޅުގަނޑު ރައްޔިތުންނާއި ގިނަގިނައިން ބައްދަލު ކުރާނަން. ހާލު އަހުވާލު ބަލާނަން. މި ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރީންވެސް މިގޮތަށް އަމަލު ކުރައްވާނެ،" ރައީސް ވިދާޅުވި އެވެ.