ރާއްޖޭގެ ތާރީހުގައި ވެސް ހިންގާ ކަރަންޓުގެ އެންމެ ބިޔަ ބޮޑު މަޝްރޫއު އަންނަ އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ސްޓެެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ސްޓެލްކޯ އަށް 74 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖެއްގައި ފަހުމީ ވަނީ ކަރަންޓުގެ ހިދުމަތް އެންމެ ފުރަތަމަ ދޭން ފެށީ ވަރަށް ދަތި އުނދަގުލުގައިކަން ފާހަގަކުރައްވާފައެވެ. އަދި އެ ސިނާއަތަށް ވޭތުވެދިޔަ އަހަރުތަކުގައި ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ފަހުމީ ވަނީ އޭރާއި މިހާރުގެ ހިދުމަތަށް އައިސްފައިވާ ބައެއް ބަދަލުތައް ހިއްސާ ކުރައްވާފައެވެ.

"އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު [2024ވަނަ އަހަރު] ކުންފުނީގެ އަދި މި ސިނާއަތުގެ 75 އަހަރު ފުރިގެންދާ އަހަރަކީ އިތުރު މީގެކުރިން އަޅުގަނޑުމެން ހިންގާފައި ނުވާ ފަދަ ބިޔަ ޕްރޮޖެކްޓެއް ރާއްޖޭގައި ނުވަތަ މާލޭގައި ހިންގޭނެ އަހަރަކަށް ވާނެ ކަމުގެ އުއްމީދު ވަރަށް ބޮޑު،" ފަހުމީ ވިދާޅުވިއެވެ.

ފަހުމީގެ ވާހަކަފުޅުގައި ކަރަންޓުގެ ހިދުމަތް އެންމެ ފުރަތަމަ ދޭން ފެށިއިރު އެ ސިނާއަތުގައި އަންހެނުންގެ ދައުރަކީ ނެތް ދައުރެއް ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް މިއަދު އެ ހަގީގަތް ބަދަލުވެފައިވާ ކަމަށާއި އެގޮތުން އިންޖިނިއަރުންނާއި ޓެކްނީޝަނުންގެ ގޮތުގައި މިއަދު ކަނބަލުންގެ ބައިވެރިވުން އޮތްކަން ފަހުމީ ވަނީ ފާހަގަކުރައްވާފައެވެ.

"ޖުމްލަ ގޮތެއްގައި ސްޓެލްކޯގައި ހަމައެކަނި ބެއްލެވިއަސް އިންޖިނިއަރިން ރޮނގުގައި އަދި އިންޖިނިއަރިންއާ ގުޅުންހުރި ރޮނގުތަކުގައި ވަރަށް ގިނަ އަންހެން ބޭފުޅުން މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ. އިންޖިނިއަރުންވެސް އެބަ ތިބި އަޅުގަނޑުމެންގެ ތެރޭގައި،" ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވި ގޮތުގައި އަންނަ އަހަރުގައި ފަށާ ބިޔަ ޕްރޮޖެކްޓާއި ގުޅިގެން މީހުން ތަމްރީނު ކުރުމުގެ ބޮޑު ޕްރޮޖެކްޓެއް ވެސް ފެށިގެން ދާނެ ކަމަށެވެ.