ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް މިއަދު ޒިޔާރަތްކުރައްވައި އެވުޒާރާގެ ވެރިންނާއި މުވައްޒަފުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ޒިޔާރަތްކުރެއްވުމުން އެވުޒާރާއިން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މިއަދު ހެނދުނު ކުރެއްވި މި ޒިޔާރަތުގައި މުވައްޒަފުންނާ ބައްދަލުކުރައްވައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަކީ ރައީސްޑރ. މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމެއްކަމުގައި ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ކަންކަން ފަހިކޮށްދެއްވަން ތިއްބެވި ފަރާތްތަކުންވެސް ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ލިބިދެވޭކަން ކަށަވަރުކުރެއްވުމަށް މަސައްކަތްކުރެއްވުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ހަފްތާ 14ގެ ފުރަތަމަ ހަތަރު ހަފްތާގެ ތެރޭގައިވެސް އެވުޒާރާގެ ދާއިރާއިން މުހިންމު ބަދަލުތަކެއް ގެނެސްދެއްވާފައިވާތީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެކަމަށް ތައުރީފުކުރައްވައި އެގޮތުގައި މަސައްކަތްކުރިޔަށް ގެންދެވުމަށް ހިތްވަރުދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އިލީ ސައީދު ވަނީ ވޭތުވެދިޔަ ހަތަރު ހަފްތާގައި އެ ވުޒާރާގެ މަސައްކަތްތައް ކުރިއަށްދިޔަ ގޮތުގެ ކުރު ތަފްސީލެއް ނައިބު ރައީސަށް އަރުވާފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިންނާވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަކިން ބައްދަލުކުރައްވައި މަސްވަރާކުރެއްވިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެމަނިކުފާނަށް "ޒަކާތާ ގުޅޭ ޒަމާނީ ފިޤުހީ އުސޫލުތަކާއި ޤާނޫނުގެ ތަޞައްވުރެ" ފޮތެއް ހަދިޔާކުރެއްވިއެވެ.