ހިދުމަތްތައް ޑިޖިޓަލައިޒްކޮށް އިތުރަށް ތަރައްޤީ ކުރުމަށް އިސްލާމިކް މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އާއި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑާއި ދެމެދު މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ)އެއްގައި މިއަދު ސޮއިކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެމް.އޯ.ޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދުއެވެ. ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ސައީދާ އުމަރުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ، މިނިސްޓްރީގެ ހިދްމަތްތައް ޑިޖިޓަލައިޒްކޮށް ތަރައްޤީ ކުރުމުން، މިނިސްޓްރީގެ މަސައްކަތްތައް އަވަސްވެ ރައްޔިތުންނަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މީގެއިތުރުން ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ އެމްޑީ ސައީދާ މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، މިނިސްޓްރީއާއި އެކު މި ސޮއި ކުރެވުނު އެމްއޯޔޫގެ މަގްސަދަކީ ރައްޔިތުންނަށް ލިބޭ ހދްމަތްތައް ފަސޭހައިން ލިބޭނެ މަގުފަހިކޮށްދިނުން ކަމަށެވެ.

ސަރުކާރު ވުޒާރާތަކާއި ކުންފުނިތަކުން ފޯރުކޮށްދޭ ޚިދްމަތްތައް ޒަމާނީކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަޞައްވަރެކެވެ. އަދި ރައީސް މުޢިއްޒުގެ ޒައާމަތުގައި އިސްލާމިކް މިނިސްޓްރީން ހިދްމަތްތައް ތަރައްގީ ކުރުމަށް ސޮއި ކުރެވުނު މިއީ މިފަދަ ފުރަތަމަ އެމްއޯޔޫއެވެ.