ކުރީގެ ރައީސް ޔާމީންގެ ފަރާތްޕުޅުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި ހޯދަން އެދިލެއްވި އިތުރު ލުއިތަކުގެ ތަފްސީލު އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ހާމަކުރައްވައިފިއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނުގެ ފަރާާތްޕުޅުން އެދިލެއްވީ ރައީސް ޔާމީނާއެކު ކަރެކްޝަންސްއިން ވެފައިވާ އިގުރާރުގައި ޓީވީ ސްޓޭޝަންތަކަށް ގޮސް ޓީވީ ޕްރޮގުރާމުތަކުގައި ބައިވެރިވުން މަނާކޮށްފައި އޮތް އޮތުމަށް ލުޔެއް ދިނުމަށެވެ.

އެގޮތުން އެމަނިކުފާނުގެ ފަރާތްޕުޅުން އެދިވަޑައިގެންފައި ވަނީ، ގެއަށް ނުވަތަ އޮފީހަށް ނޫސްވެރިޔަކު ގޮސް ކުރާ ސުވާލުތަކަކަށް ޖަވާބު ދިނުން ނުވަތަ ބަސްދީގަތުމެއް ދިނުމުގެ ހުއްދައެއް ދިނުމަށެވެ.

ދެވަނަ ކަމަށް އެދިވަޑައިގެންފައި ވަނީ ރައީސް ޔާމީނާ ބައްދަލު ކުރަން އެދޭ މީހުންނާ އަމިއްލަ ގެއިން ބައްދަލުކުރުމަކީ އެންމެ ފަސޭހަ ގޮތް ކަމަށް ނުވާތީ ބައްދަލުކުރަން އެދޭ މީހުންނާ އެމަނިކުފާނު ނިސްބަތްވާ ޕާޓީގެ އޮފީހުގައި ބައްދަލުކުރުމުގެ ހުއްދަ އަށް ކަމަށް ޝަމީމު ވިދާޅުވިއެވެ.

ޝަމީމު ވަނީ ރައީސް ޔާމީނަށް މިހާރު ދީފައިވާ ލުއިތައް ދިން ގޮތަށް، މި ލުއިތަށް ދިނުމަކަށް ވެސް ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި އެ ލުއިތައް ދިން ގޮތަށް މި ލުއިތައް ވެސް ދެވޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ރައީީސް ޔާމީނަށް އިތުރު ލުއިތަކެއް ދިނުމާ ގުޅޭ ގޮތުން ހަލި ނޫހުން ކަރެކްޝަނާ ކުރި ސުުވާލުގެ ޖަވާބުގައި ބުނެފައި ވަނީ ކުރިންވެސް އެމަނިކުފާނަށް ވަނީ ބައެއްކަހަލަ ހުއްދަތައް، ކަސްރަތުކުރެއްވުން، އެކިފަރާތްތަކާ ބައްދަލުކުރެއްވުން ފަދަ ހުއްދަތަކެއް ދީފައިވާ ކަމަށެވެ. އެހެންނަމަވެސް ފަހުން މި އެދިވަޑައިގެންނެވި ކަންކަމަކީ އެހުއްދަ ދިނުމަށް ބަލާއިރު ގާނޫނާ ފުށޫއަރާފަދަ ހުކުމްތަކެއް ކަމަށެވެ.

ކަރެކްޝަނުން މިގޮތަށް ނިންމައި ހާމަކުރުމާ ގުޅިގެން ރައީސް ޔާމީންގެ ގާނޫނީ ވަކީލު މުހައްމަދު ޖަމީލު ހިތްހަމަޖެހިވަޑައިނުގެން އެއީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަސްލު ސިފަ ފެނިގެން ދިޔަ ކަމެއް ކަމަށް ވިދާޅުވެ، ކަރެކްޝަނުގެ ނިންމުމަކީ ރައީސް ޑރ މުއިއްޒުގެ ނުފޫޒާއި ބާރުން އައި ނިންމުމެއް ކަމަށް ވިދާޅުވާފަދަ ބަސްތައް ވިދާޅުވިނަމަވެސް އެއީ އެއްވެސް އަސާސެއް، ހެއްކެއް، ހަގީގަތެއް އޮތް ވާހަކަތަކެއް ނޫނެވެ.

ސަބަބަކީ، ހަގީގަތުގައި، މިއަދު ރައީސް ޔާމީނަށް ކަރެކްޝަނުން ހުއްދަ ނުދެއްވައިގެން އެ އުޅޭ ގާނޫނަށް ފުށުއަރާ ކަންކަމަކީ، ރައީސް ޑރ މުއިއްޒު ރައީސްކަމަށް ވަޑައިގެންނެވުމުގެ މާކުރިން، ރައީސް ޔާމީންގެ ސަރުކާރުގައި އެމަނިކުފާނު ޖަލު ގައިދީންނަށް ޝަރުތުތަކަކާއެކު މާފު ދެއްވިއިރު، ވަގުތުން ބަދަލު ގެންނެވި ގާނޫނުގެ ގަވާއިދުތަކެއް ކަމަށްވުމެވެ. އެގަވާއިދުތަކުގައި ޖަލުހުކުމެއް ތަންފީޒު ކުރަމުންދާ ފަރާތަކަށް ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެވިވުމަކީ ކަނޑައެޅިގެން (ގޭ ބަންދުގައި ހުންނަ ގައިދީއެއްގެ ގޭ ބަންދު ކެންސަލް ކުރެވޭ ވަރުގެ) ކުށެކެވެ. އަދި ސިޔާސީ އެއްވެސް ކަމެއްގައި ބަސްބުނުމާއި ފިކުރާއި ހިޔާލު ފާޅުކުރުމާއި ވަކި ކަނޑައެޅޭ ޕާޓީއަކަށް ތާއީދު ކޮށް އެންމެ ކުޑަމިންވަރަކަށް ސޯޝަލްމީޑިޔާގެ ޕޯސްޓަކަށް ރިއެކްޓްދީ ޝެއާރ ކުރުމަކީވެސް މިދެންނެވިފަދައިން ގޭ ބަންދު ކެންސަލްކޮށްލެވޭނެ ކުށެކެވެ. އެހެންކަމުން ކަރެކްޝަނުން "ގާނޫނަށް ފުށުއަރާ" ކަމަށް ބުނީ ރައީސް ޑރ މުއިއްޒުގެ ސަބަބުން ނޫނެވެ. އެއީ ހަގީގަތުގައިވެސް ގާނޫނު ފުށުއަރާތީ ދިން ޖަވާބެކެވެ.