އެމެރިކާގެ ރައީސް ޖޯ ބައިޑެން، ރަޝިޔާގެ ރައީސް ލަޑިމިއަރ ޕޫޓިންއަށް ފޯނުން ގުޅުއްވައިފިއެވެ.

މިއީ، ރައީސްކަމާ ހަވާލުވެވަޑައިގެން ބައިޑެން ރަޝިޔާގެ ރައީސާ ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ.

ފިނިހަނގުރާމައިގެ އެންމެ ވާދަވެރި ދެގައުމުގެ ގޮތުގައި އޮތް އެމެރިކާއާއި، ރަޝިޔާއާއާ ދެމެދު އަބަދުވެސް އޮންނަނީ ވަރަށް ނުތަނަވަސް ގުޅުމެކެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ރަޝިޔާއާ ގާތް ގުޅުންތަކެއް ބޭއްވުމަށް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް، އެމެރިކާގެ އެތެރޭގެ ދެކޮޅުހެދުންތަކާހެދި ޓްރަމްޕަށް އެކަމުގައި މާ ބޮޑު ކުރިއެރުމެއް ހޯއްދެވޭގޮތެއް ނުވިއެވެ.

ފިއްތުންތަކެއް ބޮޑުވެ، ޓްރަމްޕްގެ ވެރިކަމުގެ ފަހުކޮޅުގައި ފެނިގެންދިޔައީ ރަޝިޔާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅި މަންޒަރެވެ. އެކަމުގެ ސަބަބުން ގުޅުންތައް އިތުރަށް ގޯސްވެގެންދިޔައެވެ.

މިހާރުގެ ރައީސް ޖޯ ބައިޑެން ޕޫޓިންއަށް ފޯނުން ގުޅުއްވިއިރު، ވައިޓްހައުސްއިން ވަނީ، ދެ ލީޑަރުން މަޝްވަރާ ކުރެއްވި ބައެއް ކަންކަން ހާމަކޮށްފައެވެ.

އެގޮތުން، ރަޝިޔާގެ އިދިކޮޅު ލީޑަރު އެކެލްސީ ނަވަލްނީ ޖަލަށްލާފައިވާ މައްސަލައާއި، ރަޝިޔާއިން ހިންގާ ސައިބަރ ހަމަލާތަކުގެ ކެމްޕެއިނާއި، އަފްޣާނިސްތާނުގައި ތިބޭ އެމެރިކާ ސިފައިން މަރާ މީހުންނަށް ރަޝިޔާއިން ފައިސާގެ އިނާމް ހުށަހަޅާފައިވާ ކަމަށް ފެތުރިފައިވާ ރިޕޯޓްގެ މައްސަލައިގެ ޝަކުވާ ބައިޑެން، ޕޫޓިން އަރިހު ކުރެއްވި ކަމަށް ވައިޓްހައުސްއިން ބުނެއެވެ.

ބައިޑެންއާއި ޕޫޓިންގެ ފޯނުކޯލާ ގުޅޭގޮތުން ރަޝިޔާއިން މާގިނަ މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

އެހެންނަމަވެސް، އެމެރިކާއާއި ރަޝިޔާއާ ދެމެދު ސޮއިކޮށްފައިވާ ހަތިޔާރުގެ މުއާހަދާގައި ރަޝިޔާ ދެމިއޮތުމަށް ބައިޑެން އެދިވަޑައިގެންފައިވާ މައްސަލައަށް މަޝްވަރާ ކުރެވުނު ކަމަށް ކްރެއިމްލިން އިން ހާމަކޮށްފައި ވެއެވެ. ޓްރަމްޕްގެ ވެރިކަމުގައި ރަޝިޔާއާއެކު އެމެރިކާއިން ވެފައިވާ ހަތިޔާރުގެ ދެ މުއާހަދާއަކުން ވަކިވެފައި ވެއެވެ.

ވަކިނުވެއޮތް ނިއުކްލިއަރ ހަތިޔާރުގެ މުއާހަދާއިން ވަކިވުމަށްވެސް ޓްރަމްޕް ގެންދެނީ ތައްޔާރުވަމުންނެވެ.

ފޯނުކޯލާ ގުޅޭގޮތުން އެމެރިކާ އަދި ރަޝިޔާއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މައިގަނޑު އަމާޒަކީ ދެގައުމުގެ ގުޅުމެވެ. މިދަނޑިވަޅުގައި ގުޅުން އިތުރަށް ގޯސްނުކުރުމުގެ މައްޗަށް ކަމަށް ވެއެވެ.