ނެޓްފްލިކްސް އާއި ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ސްޓްރީމިން ޕްލެޓްފޯމް، ފީފާ ޕްލަސްއާ ގުޅިގެން މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ބިނާކޮށް ގެނެސްދޭން ހަމަޖެހިފައިވާ ޑޮކިއުމަންޓަރީ ސީރީޒް "ކެޕްޓަންސް އޮފް ދަ ވޯލްޑް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

"ކެޕްޓަންސް އޮފް ދަ ވޯލްޑް" އިން މިދިޔަ އަހަރު ގަތަރުގައި ބޭއްވުނު ވޯލްޑް ކަޕަށް ކޮލިފައިވުމަށް ޓީމް ތަކުން ކުރި މަސައްކަތްތަކާއި ޓީމްގެތަކުގެ ކުޅުންތެރިން ކުރި މަސައްކަތްތަކުގެ އުސްއަލިތައް ދައްކުވައިދޭ އިރު، މުބާރާތުގައި ވާދަކުރި އެންމެ ވަރުގަދަ ގައުމުތަކުގެ ކެޕްޓަނުން ކުރި މަސައްކަތަށް ބޮޑަށް ދައްކުވައިދޭނެއެވެ.

ކޮންމެ ހަތަރު އަހަރަކުން ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް މިދިޔަ އަހަރު ގަތަރުގައި ބޭއްވުން ވެގެންދިޔައީ މެދުއިރުމަތީގައި ގައުމެއްގައި މިފަދަ މުބާރާތެއް ބޭއްވުނު ފުރަތަމަ ފަހަރަށެވެ.

ހަ އެޕިސޯޑްގެ މައްޗަށް އެކުލެވޭ މި ސީރީޒް ޕްރީމިއާ ކުރަން ހަމަޖެހިފައިވަނީ މި މަހުގެ 30 ގައިއެވެ.