މާފުށި ޖަލުގެ ޔުނިޓް 10 ގައި ތިބި ގައިދީން ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާ ކަމުގެ މައުލާމާތު ލިބިފައިވާކަމަށް މޯލްޑިވްސް ހިއުމަން ރައިޓްސް އެންޑް ޑިޓެއިނީ ވޮޗް (އެމްއެޗްއާރްޑީޑަބްލިއު) އިން ބުނެފިއެވެ.
އެ ޖަމިއްޔާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ގައިދީންގެ އާއިލާތަކުން އެކަމާ ގުޅުން ހުރި ޝަކުވާތައް އެ ޖަމިއްޔާއާ ހިއްސާކޮށްފައިވާ ކަމަށެވެ.
އެގޮތުން، ގައިދީންގެ އާއިލާތަކުން ތުހުމަތުކުރާ ގޮތުގައި މި ހަޅުލާތު ފެށިފައިވަނީ މާފުށީ ޖަލުގެ ޔުނިޓް 10 ގެ 5 ގައިދީއަކާމެދު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ގެންގުޅެމުންދާ ތަފާތުކުރުންތަކެއްގެ ސަބަބުންނެވެ.
އުސޫލުތަކެއްގެ ދަށުން އެހެން ގައިދީން ގޮޅިން ބޭރަށް ނެރޭ ފަދައިން މި ގައިދީންނަށް ކަނޑައެޅިފައިވާ ވަގުތުތަކުގައި ގޮޅިން ބޭރަށް ނުނެރުމާއި، އަދި އުސޫލުތަކާ ހިލާފަށް އެކަހެރި ވަކިވަކި ގޮޅިތަކެއްގައި މި ގައިދީން ދިގު މުއްދަތަކަށް ބަންދުކޮށްފައި ބޭތިއްބުމާއި، އަދި ހުކުމްގައި ތިބޭ އެހެން ގައިދީންނަށްވެސް ލިބިދޭ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު އެ ގައިދީންނަށް ނުދިނުން ހިމެނޭކަން ފާހަގަކޮށްފައިވާކަމަށް އެމްއެޗްއާރްޑީޑަބްލިއު އިން ބުނެއެވެ.
މީގެ އިތުރުން، ޖުވެނައިލް ޑިޓެންޝަނެއްގައި ބަންދުކުރުމަށް ކޯޓުން އަމުރު ނެރެފައިވާ ފަރާތެއްވެސް މިފަދައިން މި ޔުނިޓްތަކުގައި އެކަހެރިކޮށް ބަންދުކޮށްފައިވާ ކަމަށްވެސް ތުހުމަތުކޮށްފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
އެމްއެޗްއާރްޑީޑަބްލިއު އިން ބުނީ އެ ޖަމިއްޔާއިން މިހާތަނަށް ބެލި ބެލުމުން، މާފުށީ ޖަލުގެ ޔުނިޓް 10 ގައި ތިބި ގައިދީން ޖަލުންދޭ ކޮއްތު ނެގުން މިހާރު ހުއްޓާލާފައިވާކަމަށް ކަރެކްޝަންސް އިން އެ ޖަމިއްޔާއަށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެކަން ހައްލުކުރުމަށް ކަރެކްޝަންސް އިން ގައިދީންނާ ބައްދަލުކޮށް ވާހަކަދައްކަމުން ދާކަމުގެ މައުލޫމާތު ދެއްވާފައިވާކަމަށް ބުންޏެވެ.
އެމްއެޗްއާރްޑީޑަބްލިއު އިން ބުނީ ތަފާތުކުރުމުގެ ސަގާފަތް ނައްތާލަން ޖެހޭ ކަމަށާއި، އޭގެ ސަބަބުން ބައެއްގެ ހައްގުތައް ގެއްލި އަނިޔާވެރިކަމަށް ހުށަހެޅޭކަމަށެވެ. އަދި ދައުލަތުގެ މިފަދަ އިދާރާތަކުން ތަފާތުކުރުން ނައްތާލާ، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ހުރިހާ ފަރާތްތަކާ މެދުވެސް ހަމަހަމަކަމާއި އަދުލުވެރިކަމާއެކު ކަންތައް ކޮށްދެއްވާ، އެ ފަރާތްތަކުގެ ހައްގުތައް އަދާކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.
އަދި ޖުވެނައިލް ޑިޓެންޝަނެއްގައި ބަންދުކުރަން ޖެހޭ ފަރާތެއް އުސޫލުން ބޭރުން އެކަހެރި ޔުނިޓުތަކެއްގައި ބަންދުކޮށްފައި ބެހެއްޓުމަކީ ޖުވެނައިލް އަދުލާއި މުޅިން ފުށުއަރާ ކަމެއް ކަމަށް ބުނެ އެކަމުގައި ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމަށްވެސް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ. އެ ޖަމިއްޔާއިން އިތުރަށް ބުނީ، ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުތަކާއި އެއްގޮތަށް ގައިދީންނާމެދު އަމަލުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.