ގއ. ގެމަނަފުށްޓަށް ފިޝަރީސް މިނިސްޓަރ، އަހުމަދު ޝިޔާމް ޒިޔާރަތްކޮށް ގެމަނަފުށީގެ މަސްވެރިންނާއި އަދި ކައުންސިލް މެންބަރުންނާއި ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށް ގެމަނަފުށީގެ މަސްވެރިން ވަނީ މިނިސްޓަރުގެ އަރިހުން އެދިފައެވެ. އަދި މީގެ އިތުރުން ކޫއްޑޫގެ މަސްކިރުވުމާއި އައިސް ލިބުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވުމަށް ގެމަނަފުށީގެ މަސްވެރިން ވަނީ އެދިފައެވެ. ވަގުތުން ފައިސާ ލިބޭނެ އިންތިޒާމްތައް ވީއެންމެ އަވަހަކަށް ހަމަޖައްސަވައިދެއްވުމަށާއި އަދި ފެނަކައާ ހަވާލުކޮށްފައިވާ އައިސްޕްލާންޓުތައް އޮޕަރޭޝަނަށް ގެނެސް ދެއްވުމަށް ވެސް މަސްވެރިން ވަނީ މިނިސްޓަރުގެ އަރިހުން އެދިފައެވެ.

މިބައްދަލުކުރެއްވުމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަށާފައިވާ ސްޓޯރޭޖާއި، އައިސްޕްލާންޓުތަކުގެ މަސައްކަތް ނިންމާ މަސްވެރިންނަށް ބޭނުންވާ ޚިދުމަތްތައް އަވަސް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވަވާނެ ކަމުގެ ޔަގީންކަން މިނިސްތަރުވަނީ ގެމަނަފުށީގެ މަސްވެރިންނަށް އަރުވާފައެވެ.