ޣައްޒާގައި ހަރަކާތްތެރި ވަމުންދިޔަ އދގެ މުވައްޒަފުން ތެރެއިން 136 މުވައްޒަފުން މަރުވެއްޖެ ކަމަށް އދގެ ސެކެޓްރީ ޖެނެރަލް (އެސްޖީ) އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެއެވެ.

އެންޓޯނިއޯ ގުޓަރޭޒް މިހެން ވިދާޅުވީ އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކުރެއްވި ޓްވީޓެއްގައެވެ. "ފާއިތުވެދިޔަ 75 ދުވަސްތެރޭގައި އދގެ 136 ޣައްޒާގައި ވަނީ މަރާލައިފައި، މި އދގެ ތާރީހުގައި ވެސް އަލަށް ވެފައިވާ ކަމެއް" ގުޓަރޭޒް ވިދާޅުވިއެވެ. ގުޓަރޭޒް ވިދާޅުވީ ޣައްޒާގައި މަސައްކަތް ކުރަމުންދާ އދ މުވައްޒަފުންނަށާއި މަރުވެފައިވާ މުވައްޒަފުންނަށް ވަރަށް ބޮޑަށް އިހްތިރާމް ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އޮކްޓޫބަރު 7 ގެ ފަހުން އިޒްރޭލުގެ ޒަޔަނިސްޓުންގެ ހަމަލާތަކުގައި ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 19،400 އަށް ވުރެ މައްޗައް އަރާފައެވެ. އަދި ޒަހަމްވެފައި ވާ މީހުންގެ އަދަދު 52،000 އަށް ވުރެ މައްޗައް އަރާފައެވެ. މީގެ ތެރެއިން ބޮޑުބައެއް ހިއްސާކުރަނީ ކުޑަކުދިންނާއި އަންހެނުންނެވެ.