ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިސްލާޙު ގެނައުމަށް ކުރާ މަސައްކަތަކީ ވަކި ބަޔަކަށް ފިޔަވަޅު އެޅުމަށް ކުރާ މަސައްކަތެއް ނޫންކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެންނަ އިސްލާހުތަކާގުޅޭގޮތުން މަޝްވަރާކުރުމަށް ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކާއެކު ބޭއްވެވި ބައްދަލުވުން ފަށްޓަވައި ދެއްވަމުން ދެއްކެވި ވާހަކަފުޅުގައި ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީޓަކުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ މަސައްކަތަކީ ވަކި ބަޔަކު ޕްރެޝަރކޮށްގެން ނުވަތަ އަންގައިގެން ކުރާ މަސައްކަތެއް ނޫންކަމަށެވެ.
އަދި ބައްދަލުވުމުގެ އެންމެ ބޮޑު ބޭނުމަކީ ސިޔާސީ ޕާޓީތައް ޒިންމާދާރުކަމާއެކު ހަރަކާތްތެރިވުމަށާއި، ޕާޓީތަކުގެ ހިންގުން ހަރުދަނާކުރުން ކަަމަށާ ޤާނޫނު އިސްލާޙު ކުރުމަށް ކުރާ މަސައްކަތުގައި ޕާޓީތަކުގެ ޙިޔާލާއި މަޝްވަރާ ހޯދުންކަމަށް ޝަރީފް ވިދާޅުވިއެވެ.
"އެއްވެސް ޙާލެއްގައި އެއްވެސް ފަރާތަކުން ހީފުޅުކުރައްވައިގެން ނުވާނެ އަޅުގަނޑުމެން މިކަން މިކުރަނީކީ ވަކި ބަޔަކަށް ފިޔަވަޅު އެޅުމަށްޓަކާ ނުވަތަ ވަކި ބަޔަކަށް ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުޞަތު ނުދިނުމަށްކުރާ މަސައްކަތެއްކަމަށް" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް ސީޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކަށް އިލެކްޝަންސް ކޮމިޝަނުން އަބަދުވެސް މަރުޚަބާ ކިޔާނެކަމަށެވެ.
އަދި ސިޔާސީ ޕާޓީތަކުން ހުށަހަޅާ ޚިޔާލުތައް ރިކޯޑްކުރެވި އިސްލާޙުތައް ފައިނަލްކުރުމުގައި އެކަންކަމަށް ރިޢާޔަތްކުރައްވާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ސިޔާސީ ޕާޓީތަކާބެހޭ ޤާނޫނަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ގެންނަން ފެންނަ ބައެއް މުހިއްމު އިސްލާޙުތަކުގެ ތެރޭގައި ސިޔާސީ ޕާޓީތަކަށް ދަޢުލަތުންދޭ މާލީ އެހީ ބަހާނެގޮތްތަކާއި، ޕާޓީތަކުގެ ދަރަންޏަށް ޒިންމާދާރުވުމާއި، ޕާޓީތަކުގެ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓް ހުށަހެޅުމާގުޅުންހުރި މުހިއްމު އިސްލާޙުތަކެއްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ މި ޤާނޫނަށް ހުށަހަޅުއްވާފައެވެ
އަދި ޕާޓީތަކުގެ ލީޑަރޝިޕްގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި، ސިޔާސީ ޕާޓީތައް ހިންގުމުގައި އިދާރީގޮތުން ހުރި ގޮންޖެހުންތައް ނައްތާލުންވެސް ހިމެނެއެވެ.