އިޒްރޭލުގެ ޒަޔަނިސްޓުން ފަލަސްތީނުގެ ޣައްޒާއަށް ހުއްޓާނުލާ ހަމަލާ ދެމުންދާ ދަނޑިވަޅެއްގައި 40 ޓްރަކުގެ އެހީގެ ތަކެތި ޣައްޒާއަށް އެތެރެވެއްޖެއެވެ.

އަލް ޤަހޭރާ ޓީވީ ޗެނަލްއިން ރިޕޯޓުކުރާގޮތުގައި، 40 ޓްރަކުގެ އެހީ ޣައްޒާއަށް އެތެރެވެފައިވަނީ ރަފާހް ބޯޑަރުންނެވެ. މީގެ ތެރޭގައި ޑީސެލް ތެޔޮ ހިފައިގެން 6 ޓްރަކު، ޣައްޒާއަށް އެތެރެވައިވާ ކަމަށް ވެސް އެ މީޑިއާއިން ރިޕޯޓުކުރެއެވެ. މިދިޔަ ހަފުތާގެ ކުރީކޮޅުގައި 120 ޓްރަކުގެ އެހީ ޣައްޒާއަށް އެތެރެ ވެފައިވާ ކަަމަށް ވެސް ބައެއް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

އޮކްޓޫބަރު 7 ގެ ފަހުން އިޒްރޭލުގެ ޒަޔަނިސްޓުންގެ ހަމަލާތަކުގައި ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 20،000 އަށް ވުރެ މައްޗައް އަރާފައެވެ. އަދި ޒަހަމްވެފައި ވާ މީހުންގެ އަދަދު 53،200 އަށް ވުރެ މައްޗައް އަރާފައެވެ. މީގެ ތެރެއިން 70 އިންސައްތަ ހިއްސާކުރަނީ ކުޑަކުދިންނާއި އަންހެނުންނެވެ.