އދ. ދިގުރަށުގައި ކޮތަޅަކަށް ލާފައި ކުނި ގޮނޑަށް އެއްލާލާފައި އޮތް ތުއްތު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު މާލެ ގެނެސްފިއެވެ.
އެރަށުގައި އެއްލާލާފައި ތުއްތުކުއްޖަކު އޮތްވާ ފެނުނީ މިމަހުގެ 3 ވަނަ ދުވަހުގައެވެ. އެ ކުއްޖާގެ މަރާއި ގުޅިގެން ތަހުގީގަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ. ހަފްތާއަކަށްފަހު ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ހުކުރު ދުވަހުއެވެ. މިކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.
އެ ހާދިސާއާ ގުޅިގެން ފުލުހުންވަނީ ހަމައެދުވަހު މީހަކު ހައްޔަރުކޮށްފައެވެ. މިގޮތުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ ޢުމުރުން 30 އަހަރުގެ އަންހެނެކެވެ. އެނާ ހައްޔަރުކޮށްފައިވަނީ ދިގުރަށުން މާލެއައިސް ލަންކާއަށް ފުރަންގޮސް ވެލާނާއިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުއްޓާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.
މި މައްސަލަ އާ ގުޅިގެން އެ އަންހެން މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އެ ކުއްޖާ ފެނުނުއިރު ވެސް އޮތީ މަރުވެފައެވެ
ކުއްޖާގެ ހަށިގަނޑުވަނީ މާލެ ގެނައުމަށްފަހު ޕޯސްޓު މޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާފައެވެ.
އޭގެ ފަހުން މިމަހު 22 ވަނަ ދުވަހު އަލުން އެކުއްޖާގެ ހަށިގަނޑު މާލެ ގެނެސް މޯޗަރީއަށް ލާފައިވާކަމަށް ފުލުހުން މިއަދު ވަނީ ހާމަކޮށްފައެވެ.