އިޒްރޭލުގެ ޒަޔަނިސްޓުންގެ ހަމަލާތަކުގެ ސަބަބުން ޝަހީދުވި ފަލަސްތީނުގެ ނޫސްވެރިންގެ އަދަދު 100 އަށް އަރައިފި ކަމަށް އަލްޖަޒިރާއިން ރިޕޯޓު ކޮށްފިއެވެ.

އޮކްޓޫބަރު 7 ގެ ފަހުން ޝަހީދުވި ފަލަސްތީނުގެ ނޫސްވެރިންގެ އަދަދު ވަނީ 100 އަށް އަރާފައެެވެ. މިގޮތުން އެންމެ ފަހުން ޝަހީދުވި ނޫސްވެރިއެއްގެ ގޮތުގައި ރެކޯޑު ކުރެވިފައިވަނީ މުހައްމަދު އަބޫ ހުވައިދީ އެވެ. އަދި މިނޫނަސް އަލްޖަޒީރާގެ ފަރާތުން ޣައްޒާގައި ހަރަކާތްތެރި ވަމުން ދިޔަ ސަމީރަށް ވެސް އިޒްރޭލުން ވަނީ ހަމަލާދީ ޝަހީދު ކޮށްލާފައެވެ. އަލްޖަޒީރާއިން ބުނާ ގޮތުގައި އިޒްރޭލުން ދަނީ ދުނިޔެއަށް ޣައްޒާގެ ހަގީގަތް ހާމަ ކުރުމަށް މަސައްކަތް ކުރަމުންދާ ނޫސްވެރިންނަށް ހަމަލާތަށް އަމާޒު ކުރަމުންނެވެ. މި މައްސަލައިގައި އަލްޖަޒީރާއިން ވަނީ ޒަޔަނިސްޓުންގެ ދައުލަތު ކުށްވެރިކޮށްފައެވެ.

އޮކްޓޫބަރު 7 ގެ ފަހުން އިޒްރޭލުގެ ޒަޔަނިސްޓުންގެ ހަމަލާތަކުގައި ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 19،400 އަށް ވުރެ މައްޗައް އަރާފައެވެ. އަދި ޒަހަމްވެފައި ވާ މީހުންގެ އަދަދު 52،000 އަށް ވުރެ މައްޗައް އަރާފައެވެ. މީގެ ތެރެއިން70 އިންސައްތަ ހިއްސާކުރަނީ ކުޑަކުދިންނާއި އަންހެނުންނެވެ.