ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ އަލުން ޖަލަށް ބަދަލުކޮށްފިއެވެ.

ލަމްހާގެ ބަލި ހާލަތަށް ރިއާޔަތް ކުރުމަށްފަހު ގޭ ބަންދަށް ބަދަލުކޮށްލީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. ނަމަވެސް ލަމްހާ ދޫކޮށްލި މައްސަލަ ދައުލަތުން ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އިސްތިއުނާފް ކޮށްފަ އެވެ.

ހައިކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މި މަހުގެ ވިހި ވަނަ ދުވަހު ކުރެއްވި ހުކުމުގައި ވަނީ ލަމްހާ ބަންދުން ދޫކޮށްލަން ދަށު ކޯޓުން ކުރި ހުކުމް ބާތިލު ކޮށްފަ އެވެ. އަދި ލަމްހާ ޝަރީއަތް ނިމެންދެން ބަންދުކުރަން ދަށު ކޯޓުން ކުރި އަމުރު ދެމިއޮތް ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅުއްވާފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވިދާޅުވީ ހައިކޯޓުގެ އަމުރާ ގުޅިގެން ލަމްހާ މިހާރު ޖަލަށް ބަދަލު ކޮށްފައިވާ ކަމަށެވެ.

މޭރީ ގްރޭސް މަރުވެފައި އޮއްވާ ފެނުނީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. ހޮސްޕިޓަލަށް އޭނާ ގެންދިޔައީ ދަންޖެހި މަރުވުމުގެ ސަބަބުން ކަމަށް މޭރީގެ ފިރިމީހާ މާވިން އޭރު ބުނެފައިވެއެވެ. ނަމަވެސް މޭރީގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން، ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގުން މޭރީ މަރާލާފައިވާކަމަށްވަނީ ހާމަވެފައެވެ.