ދުނިޔޭގެ އެކި ގައުމު ތަކުގައި ކޮވިޑްގެ އާ ވޭރިއަންޓެއް ފެތުރެމުންދާތީ ކުރިއަށް އޮތް ޗުއްޓީ ތެރޭގައި ތަންތަނަށް ދަތުރުކުރާ ފަރާތްތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެދިއްޖެއެވެ.

ސްކޫލްތަކާއި ކޮލެޖުތައް ބަންދު ދުވަސްވަރަށް ވުމާއިއެކު ރާއްޖެ އާއި ރާއްޖޭން ބޭރަށް ގިނަ ބަޔަކު ދަތުރުކުރުމުގެ އިތުރުން، އުމްރާގެ އަޅުކަމަށް ދިޔަ ދިވެހިން އަޅުކަމަށްފަހު އެނބުރި އަންނާނެ ދުވަސްވަރަށް ވާތީ، އަރިދަފުސް ރޯގާ، ވައިރަލް ހުން އަދި ފުއްޕާމޭގެ ބަލިތައް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް އެ އެޖެންސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މަދިރީގެެ ޒަރިއްޔާއިން ޖެހޭ ބައްޔެއްކަމަށްވާ ފައިލޭރިއާ ވެސް ރާއްޖެ އިން ދަނީ ފެންނަމުންދާ ދުވަސްވަރަކަށްވުމާއެކު، މަދިރިން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް މަދިރި ހެފުމުން ރައްކާތެރިވުމަށާއި މަދިރި އުފެދި އާލާވާގޮތަށް އެއްޗެއްސާއި ތަންތަން ނުބެހެއްޓުމަށް ސަމާލުކަން ދިނުމަށް ވެސް އެޗްޕީއޭއިން އެދިފައިވެއެވެ. ހަމައެއާއެކު، ޗުއްޓީ ހޭދަކުރުމުގެ އެކި ކަންކަމުގައި ކާބޯތަކެތީގެ ތަފާތު ބާވަތްތައް ބޭނުންކުރުމުގައާއި ކާބޯތަކެތީގެ ސާފުތާހިރުކަމަށް ސަމާލުވުމަށްވެސް އެ އެޖެންސީއިން އިލްތިމާސްކޮށްފައިވެއެވެ.