ރައީސް ޑރ މުއިއްޒު ހަމައެކަނި ވިދާޅުވީކީ ނޫންކަމަށާއި ސަރުކާރު މަސައްކަތް ކުރަނީ ރައްޔިތުންނާ ގާތުން ކަމަށް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް ގެ ވަޒީރު އަހްމަދު ޝިޔާމު ވިދަޅުވެއްޖެއެވެ.
ވަޒީރު ޝިޔާމް މިހެން ވިދާޅުވީ އެކްސް.ކޮމްގައި ރޭ ކުރެއްވި ޕޯސްޓެއްގައެވެ.
އެޕޯސްޓުގައި ޝިޔާމް ވަނީ ރައީސް ޑރ މުއިއްޒު ވިދާޅުވި ބަސްފުޅަކީ ހަމައެކަނި ވިދާޅުވި ބަސްފުޅެއް ނޫންކަމަށް ވިދާޅުވުމާއެކު، އެވިދާޅުވުމާ އެއްގޮތަށް ސަރުކާރު ރައްޔިތުންނާ ގާތުން ކުރި މަސައްކަތް ތަކަށް އަލި އަޅުވާލައްވާފައެވެ.
"ސަރުކާރަށް އެއް މަސް ވީ އިރު ވަޒީރުންނާ ކުންފުނިތަކުގެ ވެރިން ތިބީ އަތޮޅުތެރޭ ކައުންސިލްތަކާ އަދި ރައްޔިތުންގެ ސައްލާތަކުގައި ޢަމަލީގޮތުން ބައިވެރިވެފައި،" ޝިޔާމް ވިދާޅުވެފައިވެއެވެ.
ޝިޔާމް ވިދާޅުވީ އެމަނިކުފާނު މި ހަފްތާބަންދުގައި ގއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކެއްގެ އިތުރުން ކޫއްޑޫ ފިޝަރީޒްކޮމްޕްލެކްސްއަށްވެސް ޒިޔާރަތް ކުރެއްވިކަމަށެވެ. އަދި ކޮލަމާފުށިން ފެށްޓެވި ދަތުރު ނިންމަވާލެއްވީ ނިލަންދޫއާ ހަމައަށް ކަމަށްވެސް ވަޒީރު ޝިޔާމް ވަނީ ވިދާޅުވެފައެވެ.
ޝިޔާމް ވަނީ އެމަނިކުފާނާއި އެމަނިކުފާނުގެ ޓީމް ޒިޔާރަތްކުރެއްވި ހުރިހާ ރަށަކުންވެސް ކައުންސިލްތައް އިސްވެ ބެހެއްޓެވި ގާތްކަމާއި ދެއްވި ފުރިހަމަ މެހުމާންދާރީއަށް ހިތުގެ އިޚުލާސްތެރި ޝުކުރުދަންނަވާފައެވެ.
މަސްވެރިންގެ ފަރާތުން ލިބިގެންދިޔަ އެއްބާރުލުން ޝިޔާމް ވަނީ ހާއްސަގޮތެއްގައި ފާހަގަކުރައްވައި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައާއި އަދި އެމަނިކުފާނުގެ ޓީމުގެ ފަރާތުން ނުހަނު އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.
"އަޅުގަނޑު މި ހަފްތާބަންދުގައި ދަތުރު ކުރީ ގާފް އަލިފް އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކެއްގެ އިތުރުން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް. ކޮލަމާފުށިން ފެށި ދަތުރު ނިންމާލީ ނިލަންދޫއަށް. އަޅުގަނޑުމެން ޒިޔާރަތްކުރި ހުރިހާ ރަށަކުންވެސް ކައުންސިލްތައް އިސްވެ އަޅުގަނޑުމެންނާ ދޭތެރޭ ބެހެއްޓެވި ގާތްކަމާ ދެއްވި ފުރިހަމަ މެހުމާންދާރީއަށް ހިތުގެ އިޚުލާސްތެރި ޝުކުރުދަންނަވަން. ޚާއްސަކޮށް މަސްވެރިންގެ ފަރާތްޕުޅުން ލިބުނު އެއްބާރުލެއްވުން ފާހަގަކޮށް އަޅުގަނޑާ ޓީމުގެ ފަރާތުން ނުހަނު އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރު ޝިޔާމް ވަނީ މި ދަތުރުފުޅާ ގުޅިގެން ފިޝަރީޒް މިނިސްޓްރީއިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު 16:00 ގައި އެ މިނިސްޓްރީގައި އޮންނާނެ ކަމަށް ވެސް ވިދާޅުވެފައެވެ.