މާލެ ސަރަހައްދުން ފައިލޭރިއާއަށް 7 މީހަކު ޕޮސިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މާލެ ސަރަހައްދުން ފައިލޭރިއާ ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ ހުޅުމާލެއިން ފަސް މީހުންނާއި ގުޅިފަޅުން އެކަކު އަދި މާލެއިން އެކަކު ކަމަށެވެ.

މާލެ ސަރަހައްދުން 89 މީހަކު މިހާތަނަށް ފައިލޭރިއާ ބައްޔަށް ޓެސްޓްކޮށްފައިވާއިރު، އޭގެ ތެރެއިން 82 މީހަކު ނެގެޓިވް ކަމަށް ވެސް އެ އެޖެންސީން ބުނެއެވެ.

ރާއްޖެއިން މި ބައްޔަށް މިހާތަނަށް 32 ބިދޭސީއަކު ޕޮޒިޓިވްވެފައިވީ ނަމަވެސް އެއްވެސް ދިވެއްސަކު ޕޮޒިޓިވްވެފައި ނުވާ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ. ޕޮސިޓިވްވި ބިދޭސީންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ބިހާރުގެ 18 މީހަކާއި އުއްތަރަ ޕްރަދޭޝްގެ 10 މީހަކާއި ޓެމިލްނާޑޫގެ އެކަކާއި ގޯޕާލްގަންޖުގެ އެކަކާއި ބަންގްލަދޭޝްގެ ދެ މީހުން ކަމަށް ވެސް އެޗްޕީއޭ އިން ބުނެ އެވެ.

އެ އެޖެންސީ އިން ބުނީ އެންމެ ފުރަތަމަ މި ބަލި ފެނުނު ކުޅުދުއްފުށިން އެކަނިވެސް 25 ބިދޭސީން ޕޮޒިޓިވްވެފައިވާ ކަމަށާއި ފައިލޭރިއާ ބައްޔަށް މިހާތަނަށް ބޭސްދީ ފަރުވާ ދެމުން އަންނަނީ އެޗްޕީއޭގެ ބެލުމުގެ ދަށުން ކަމަށެވެ.

2016 ވަނަ އަހަރު ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ފައިލޭރިއާ އަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ފަންޏެއްގެ ސަބަބުން ހަށިގަނޑުގެ ބައެއް ގުނަވަންތަކަށް ޖެހޭ ބައްޔެެކެވެ.