ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހުޅުމާލެ ފޭސް 2 ގައި އައު ސްކޫލަކަށް ބިންގާ އަޅުއްވައި ދެއްވައިފިއެވެ.
މިއަދު ހަވީރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ އައު ސްކޫލުގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ރައީސް އާއި އެކު އެމަނިކުފާނުގެ އަނބިކަބަލުން އަދި ރާއްޖޭގެ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވެސް ބައިވެރި ވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދަޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިންގާއެޅި އައު ސްކޫލާއެކު ބިންގާއެޅިގެން އެދިޔައީ ދަރިންގެ ސިކުނޑިތައް ބިނާކުރުމަށް ސަރުކާރުން ފަށާ މަސައްކަތްތަކުގެ ފެށުން ކަމުގައެވެ. އަދި ކިތަންމެ އުސް ބިނާއެއް އެޅި ކަމުގައި ވިޔަސް ދަރިވަރުންގެ ސިކުނޑި އިމާރާތުގެ އުސްމިނާ އެއްވަރަށް ތަރައްގީ ނުވާނަމަ އެ ބިނާއަކުން ފައިދާއެއް ނުކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އައު ސްކޫލުގެ ބިންގާއެޅުމަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ގަސްދުކުރެއްވީ އެމަނިކުފާނުގެ ސަރުކާރުގައި ފުރަތަމަ ބިނާކުރާ އިމާރަތަކީ ތައުލީމަށް ބިނާކުރެވޭ އިމާރާތަކަށް ހެދުމަށްކަމަށެވެ.
ހުޅުމާލެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމުގެ ގޮތުން ސަރުކާރުން އެޅުމަށް ހަމަޖެހިފައިވާ ސްކޫލުތަކުގެ ތެރޭން ފޭސް2 ގައި ބިނާކުރާ މި ސްކޫލަކީ 54 ކްލާސްރޫމާއި ހޯލަކާއި ސްކޫލުތަކުގައި ހިމެނޭ އެހެނިހެން ވަޞީލަތްތަކުގެ އިތުރުން ޓާފްދަނޑެއް އެކުލެވޭގޮތަށް އިމާރާތް ކުރެވޭ ސްކޫލެކެވެ. ގާތް ގަޑަކަށް 1700 ދަރިވަރުންގެ ޖާގައިގެ މި ސްކޫލު އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރު.ސީ.ސީ) އާއެވެ.