ގައުމަށް ކުރިމަތިވި ކޮންމެ އުނދަގޫ ވަގުތަކުވެސް އަޅުގަނޑުމެން އިސްކުރީ އެއްބައިވަންތަކަން ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ގައުމީ އެއްބައިވަންތަ ކަމުގެ ދުވަހާއި ގުޅިގެން ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

ގައުމީ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަކުރަނީ 2004 ވަނަ އަހަރު ޑިސެމްބަރު 26 ވަނަ ދުވަހު މުޅި ދުނިޔެއަށް ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާންތައް އާކުރުމުގެ ގޮތުންނެވެ.

ސުނާމީ ކާރިޘާގައި ދިވެހިން ދައްކުވައިދިން އެއްބައިވަންތަކަމުގެ ނަމޫނާ ފާހަގަކޮށް، އެހަނދާން އާކުރުމުގެ ގޮތުން 2005ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް 26 ޑިސެމްބަރު ފާހަގަކުރަމުން އަންނަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ.

މިއަދަކީ ރާއްޖެއަށް ކުރިމަތިވި އެންމެ ހިތާމަވެރި އަދި އެންމެ ގިނަ ބަޔަކު އެއްފަހަރާ މަރުވި ކާރިސާ ކަމަށްވާ ސުނާމީ ކާރިސާއަށް 19 އަހަރު ފުރުނު ދުވަހެއެވެ. މިކާރިސާގައި 82 މީހުން މަރުވެ، 26 މީހަކުވަނީ ވީނުވީއެއް ނޭގި ގެއްލިފައެވެ. މިކާރިސާ ވެގެންދިޔައީ ރާއްޖޭގެ އުމުރާނީ ތަރައްޤީ އާއި އިޤުތިޞާދު ފުނޑުފުނޑުވެ، ތަރައްޤީ އެތައް އަހަރެއް ފަހަތަށް ދިވެހިން ގެންދިޔަ ކާރިސާއަކަށެވެ.ހިތާމަވެރި ކާރިސާގެ އެވަގުތުވެސް ދިވެހިންވަނީ އެއްބައިވަންތަކަމުގެ ނަމޫނާ ދައްކުވައިދީފައެވެ.