ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި މިއަދު ހެނދުނު ގެނައި ސުކޫތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

ސުނާމީގެ ރާޅު 2004 ވަނަ އަހަރު ރާއްޖެއަށް އެރިކަމަށް ރިކޯޑްކުރެވިފައިވާ ގަޑިކަމުގައިވާ ހެނދުނު 9:23ގައި ގެނައި ހަމަހިމޭންކަމުގެ މި ވަގުތުކޮޅުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައިސް ނިކުމެވަޑައިގެންނެވީ ރައީސް އޮފީހުގެ ދެކުނުން، ކުރީ ހުރަވީ ބިލްޑިންގ ހުރި ސަރަހައްދަށެވެ.

އެސަރަޙައްދުގައި އެމަނކިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްބޭފުޅުންނާއި ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުން މި ސުކޫތުގައި ބައިވެރިވިއެވެ. އަދި މާލެ ސަރަހައްދުގެ އޮފީސްތަކުގެ މުވައްޒަފުންވެސް އޮފީސްތަކުން ބޭރަށް ނުކުމެ މި ސްކޫތުގައި ބައިވެރިވިއެވެ.

ސުނާމީ ކާރިސާއަށްފަހު ރާއްޖޭގައި ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 26 ވަނަ ދުވަސް ފާހަގަކުރަނީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ. ދިވެހިންގެ އެއްބައިވަންކަމުގެ ދުވަހާއި ގުޅިގެން ރައީސް ސޯޝަލް މީޑިޔާގައި ވިދާޅުވީ "ގައުމަށް ކުރިމަތިވި ކޮންމެ އުނދަގޫ ވަގުތެއްގައި އަޅުގަނޑުމެން އިސްކުރީ އެއްބައިވަންތަކަން" މިހެންނެވެ.

އެމަނިކުފާނުގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާ، ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ މިރޭ ދަރުބާރުގޭގައި ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ.