މޮންޓަނޭގްރޯގެ ފަސްޓް ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ހިޒް އެކްސެލެންސީ މިސްޓަރ އެލެކްސާ ބެޗިޗްއާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް މޮންޓަނޭގްރޯއަށް ވަޑައިގެންނެވުމަށް ދެއްވި ދައުވަތަށާއި އެމަނިކުފާނަށް ކިޔުއްވި ހޫނު މަރުހަބާއަށް މިސްޓަރ އެލެކްސާ ބެޗިޗްއަށް ޝުކުރު އަދާކުރެއްވިއެވެ. ރާއްޖެއާއި މޮންޓަނޭގްރޯއާ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ވިޔަފާރިއާއި، އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ކުދި ގައުމުތަކުން، މަލްޓިލޭޓަރަލް ފޯރަމްތަކުގައި އެއްބާރުލުން ދިނުމަކީ ދެފަރާތަށް ލިބޭނެ ވަރަށް ބޮޑު ފައިދާއެއް ކަމުގައި އެކަމިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުއިއްޒަށް ލިބުނު އިންތިހާބީ ކާމިޔާބީއަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފަށް މޮންޓަނޭގްރޯގެ ފަރސްޓް ޕްރައިމް މިނިސްޓަރ މަރުހަބާ ވިދާޅުވިއެވެ. އަދި، ދެގައުމުގެ ގުޅުން ބަދަހި ކުރުމަށް ބޭނުންވާކަން ހާމަކުރެއްވިއެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ މޮންޓަނޭގްރޯގައި ޑިމޮކްރަސީ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، ޔޫރަޕިއަން ޔޫނިއަންގެ މެންބަރަކަށް ވުން އަވަސް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތުވެސް ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ މުއިއްޒުގެ ސަރުކާރުން އިސްކަންދެއްވާ ކަންތައްތައް ނައިބު ރައީސް މިސްޓަރ ބެޗިޗްއާ ހިއްސާކުރެއްވިއެވެ. އެމަނިކުފާނުގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ-އެޓް-ލާރޖް މުހައްމަދު ހުސައިން ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެއިތުރުން ނައިބު ރައީސް މޮންޓަނޭގްރޯ ގެ މަޖިލިސްކުރާގެއަށް ވެސް ޒިޔާރަތްކުރެއްވިއެވެ. އަދި، އެ ގައުމުގެ މަޖިލީހުގެ ރައީސާ ބައްދަލުކުރައްވާފައިވެއެވެ. މި ބައްދަލަކުރެެއްވުމުގައި މަޖިލިސް ރައީސް ވަނީ ނައިބު ރައީސަކީ ދަހަރު ވަންދެން ރާއްޖޭގެ މަޖިލީހުގައި މަސައްކަތްކުރެއްވި ބޭފުޅެއްކަން ފާހަގަކުރައްވައި، މިހާރު ރާއްޖޭގެ އެމަނިކުފާނުގެ މަގާމަށް އިންތިހާބުވެ ވަޑައިގަތުމުން މަރުހަބާ ވިދާޅުވިއެވެ. އަދި، ރާއްޖެއާއި މޮންޓަނޭގްރޯ އާ ދެމެދު ގުޅުން ބަދަހިކުރެެއްވުމަށް ބޭނުންފުޅުވާކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

އެކަމަނާގެ މެހެމާންދާރީއަށް ޝުކުރު އަދާކުރައްވައި، ދެގައުމުން ޝައުގުވެރިކަން ހުރި ދާއިރާތަކާމެދު ނައިބު ރައީސް އެކަމަނާއާ ޚިޔާލު ބަދަލުކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މޮންޓަނޭގްރޯގެ ސަރުކާރުގެ ދަޢުވަތަކަށް އެ ޤައުމަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި މޮންޓަނޭގްރޯގެ ސަރުކާރުގެ ބައެއް އިސްވެރިންނާ ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ.