ކޯވިޑް-19ގެ ބަލިމަޑުކަމުގެ މި ޙާލަތުގައިވެސް ދުޅަހެޔޮކަމާއި ހަރަކާތްތެރި ދިރިއުޅުމަކަށް މަގުފަހިވާނެ އާދަތައް ކުރިއަރުވަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، މުޅި ދުނިޔެ މިހާރު ހަނގުރާމަ ކުރަމުންދާ ކޯވިޑް-19ގެ ބަލިމަޑުކަމާއެކު އިންސާނުންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާ، އާއްމު ދިރިއުޅުމަށް ކުރާ ކަންކަން މަޑުޖެހިފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ހިތުގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދުނިޔޭގެ ހިތުގެ ދުވަސް މިއަދު ފާހަގަކުރާއިރު، ދުޅަހެޔޮކަމާއި ހަރަކާތްތެރި ދިރިއުޅުމަކަށް ބޭނުންވާނެ ރަނގަޅު އާދަތައް ކުރިއަރުވަންޖެހޭކަމަށެވެ.

"ވޯލްޑް ހާޓް ޑޭ" ނުވަތަ ދުނިޔޭގެ ހިތުގެ ދުވަހުގެ މުނާސަބަތުގައި ހެލްތް މިނިސްޓްރީ ހިންގެވުމާ ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމްވެސް ވަނީ ޚާއްސަ ވީޑިއޯ މެސެޖެއް ދެއްވާފައެވެ.

މިނިސްޓަރ އަސްލަމް ދެއްވި މެސެޖުގައި ހިތުގެ ވިންދުޖެހުން ދުޅަހެޔޮކޮށް ބެހެއްޓުމަކީ މުހިއްމުކަމެއްކަމަށާއި، އުފާވެރި ހަޔާތެއް ލިބޭނީ ދުޅަހެޔޮ ހިތަކާއެކުގައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ އަސްލަމް ވިދާޅުވީ، މުޅި ދުނިޔެވެސް ހޭދަކުރަމުން މިގެންދަނީ ހިތާމަވެރި ވަގުތުތަކެއްކަމަށާއި، މިފަދަ ދުވަސްތަކެއްގައިވެސް ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް މަސައްކަތްކުރަންޖެހޭކަމަށެވެ.

ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރަން ފަށާފައި ވަނީ ވޯލްޑް ހާޓް ފެޑެރޭޝަންގެ އިސްނެގުމަކަށް 2000 ވަނަ އަހަރުން ފެށިގެންނެވެ.

ސިއްހީ ތަޖުރިބާ ކާރުން ވިދާލުވާ ގޮތުގައި ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވަނީ ހިތާއި ލޭހޮޅިތަކަށް ޖެހޭ ބަލިތަކުގެ ސަބަބުން ނެވެ. އަދި ހިތާއި ލޭހޮޅިތަކުގެ ބަލިތަކުގެ ތެރޭގައި ހިމެނޭ ހިތުގެ ބައްޔާއި ސްޓްރޯކް ޖެހުމުގެ ސަބަބުން ޅައުމުރުގައި ދުނިޔެ ދޫކުރާ މީހުންގެ އަދަދު އިތުރު ވަމުންދާ ކަމަށް ސިއްހީ ތަޖުރިބާ ކާރުން ދަނީ ބުނަމުންނެވެ.