މާވެޔޮ މިސްކިތް ކައިރީގައި ރައްޔިތުންނަށް ދަތިވާ ގޮތަށް ބަހައްޓާފައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރުތައް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަގުމަތިން ނަގާފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ މިކަން ހާމަކުރައްވާފައިވަނީ އެކްސް.ކޮމްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ފަހުމީ މަގާމާއި ހަވާލުވެޑައިގެންނެވި ދުވަހު ވަނީ އެ ކުންފުނީގެ ޓްރާންސްފޯމަރު ހުންނަ ސަރަހައްދަށް ވަޑައިގެން އެތަން ބައްލަވައިފައެވެ. އެ ޓްރާންސްފޯމަރު ނެގުމުގެ އަމަލީ މަސައްކަތް ފައްޓަވައި، މި އަހަރު ނިމުމުގެ ކުރިން މަގުމަތިން އެ ޓްރާންސްފޯމަރު ނަގައި، އެ މަގު ބޭނުން ކުރާ ފަރާތްތަކަށް އެކަމުގެ ލުއި ފަސޭހަތައް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން ފަހުމީ ވަނީ ދެއްވައިފައެވެ.

މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި، އެކަމުގެ އެންމެ ފަހުގެ އަދާހަމަތައް ހާމަކުރައްވަމުން ފަހުމީ މިއަދު ވިދާޅުވީ، ރައްޔިތުންގެ ވިންދާއި އެއްގޮތައް މަސައްކަތް ކުރުމުގެ މަތިވެރި އަޒުމާއި، ރޫހާއިއެކު ނިކުމެވަޑައިގެން، އެ ރައްޔިތުންނަށް ތަކުލީފަކަށްވާ ހުރިހާ ކަމަކުން މިންޖު ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން، ދެއްވި ހަރުދަނާ އިރުޝާދުތަކާއެކު، ރައްޔިތުންނަށް ތަކުލީފަކަށްވި، ޓްރާންސްފޯމަރުތައް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަގުމަތިން ނަގާފައިވާ ކަމަށެވެ.

"މާތްﷲގެ އިރާދަފުޅާއެކު، އައު އަހަރު އެއްވެސް ހުރަހެއްނެތި އެމަގުން ރައްޔިތުންނަށް ދަތުރު ކުރެވި އޭގެ ފަސޭހަ ލިބިގެންދާނެ. ދިވެހީންގެ ރާއްޖޭގައި ކަންކަން ހިނގަމުންދާނީ ރައްޔިތުން އެދޭގޮތަށް،" އެކްސް ޕޯސްޓުގައި ފަހުމީ ވިދާޅުވެފައިވެއެވެ.

ސްޓެލްކޯއިން މީގެ ކުރިން ބުނިގޮތުގައި އެ ޓްރާންސްފޯމަރަކީ އެ ސަރަހައްދާއި، އެމަގު ބޭނުން ކުރާ ރައްޔިތުންނަށް ތަކުލީފަކަށް ވެފައިވާ ޓްރާންސްފޯމަރެކެވެ.