އިންޑިއާ އިން ރާއްޖެ ގެނައި ކޮވިޝިލްޑް ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ އެ ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފައި ވަނީ މި މަހުގެ 26 ވަނަ ދުވަހު ކަމަށެވެ.

އެ އޮޓޯރިޓީން ބުނީ އެ ހުއްދަ ދީފައިވަނީ ހާލަތަށް ރިޔާއަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ގައި ބޭނުން ކުރުމަށް ކަމަށެވެ.

މީގެއިތުރުން ރާއްޖޭގައި އެ ވެކްސިން ދިނުމުގެ ހުއްދަ ދީފައިވަނީ ބަލަން ޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބެލުމަށްފަހު އެ އޮތޯރިޓީއަށް ފަންނީ ލަފާދޭ ނޭޝަނަލް ފާމަސޫޓިކަލް ބޯޑްގެ ލަފަޔާ މަޝްވަރާގެ މަތިން ކަމަށް ވެސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެ އެވެ.

އިންޑިއާ އިން ހަދިޔާ ކުރި ކޮވިޑް ވެކްސިންގެ ޝިޕްމަންޓުން 50،000 އެއްހާ މީހުންނަށް ވެކްސިން ދެވޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

މި ވެކްސިން އިންޑިއާގެ ހަތަރު ލައްކައަށް ވުރެ ގިނަ މީހުންނަށް މިހާތަނަށް ވަނީ ދީފަ އެވެ.

ރާއްޖެއަށް އިތުރު ވެކްސިން ހޯދުމަށް ވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.