ހުކުރު މިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވާ އެތަން ޒީނަތްތެރިކޮށް ނިންމުމަށް މަސައްކަތް ފަށާފައިވާކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ފަހުމީ ވިދާޅުވީ، މިމަސައްކަތް ރަމަޟާން މަހުގެ ކުރިން ނިންމަން މަސައްކަތް ކުރަމުން ގެންދާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއަކީ، ގައުމީ ތަރިކައަށާއި ގައުމިއްޔަތަށް ވަރަށް ލޯބިކުރައްވާ މިފަދަ އާޘާރުތަށް ރައްކާތެރިކޮށް ބެލެހެއްޓުމަށް ވަރަށް ބޮޑު އަހަމިއްޔަތު ކަމެއް ދެއްވާ ބޭފުޅެއްކަން ސްޓެލްކޯގެ އެމްޑީ ފަހުމީ ވަނީ ހާމަކުރައްވާފައެވެ. އެގޮތުން ދިވެހިބަހާއި، ސަގާފަތާއި، ތަރިކައާ ބެހޭ ވުޒާރާއާ ގުޅިގެން މިފެށޭ ރަމަޟާން މަހުގެ ކުރިން ހުކުރު މިސްކިތުގެ މުންނާރު (މި އާޘާރީ ތަރިކައިގެ) ގެ އާބާތުރަ ފިލުވާ އެތަން ޒީނަތްތެރިކޮށް ނިންމުމަށް ސްޓެލްކޯއިން މިހާރު މިވަނީ މަސައްކަތް ފަށާފައިކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.

މާލޭ ހުކުރު މިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވަނީ އުވަލައިގެންނެވެ.

ހުކުރު މިސްކިތު މުންނާރަކީ މިހާރު އެތައް ސަތޭކަ އަހަރުވެފައިވާ ބިނާއެކެވެ. މުންނާރު ރާނާފައި ވަނީ އުވަޔާއި ގަލުންނެވެ. މިހެންކަމުން ގިނަދުވަސްތަކެއް ވެފައިވުމާއެކު އުވަފީވެފައިވާކަމުގެ ނިޝާންތައް ފެންނަންފަށައިފިއެވެ. އުވަޔަކީ ދުވަސްވުމުން އޭގެޒާތުގައި ފީވާއެއްޗެކެވެ. އެހެންކަމުން އަބަދުވެސް އިސްކަމެއްދީގެން އާބާތުރަ ފިލުވައެވެ.

ހުކުރު މިސްކިތުގެ މުންނާރުގައި ފެހި ޖަހައި މިހާރު ވަނީ ވަރަށް ބޮޑަށް ހަޑިވެފައެވެ. މީގެ ކުރިންވެސް އިޖްތިމާޢީ ޒިންމާގެ ދަށުން ހުކުރު މިސްކިތުގެމުންނާރާއި ވަޅާއި އެނޫންވެސް ތަންތަނުގެ އާބާތުރަ ފިލުވައިދިނުމުގައި ސްޓެލްކޯއިން އިސް ދައުރެއް އަދާކޮށްފައިވެއެވެ.