އދ ގެ ސެކްޓްރީ ޖެނެރަލް، އެންޓޯނިއޯ ގުަޓަރޭޒް ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަށް ގޮވާލައިފިއެވެ.

އިސްރާއީލާއި ފަލަސްތީނުގެ މައްސަލައިގެ ސަބަބުން މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުން ބޮޑުވަމުންދާތީ ގުޓަރޭސް ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެ ސަރަހައްދުގެ ހާލަތު ރަނގަޅު ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ގޮވާލާފައިވާ ކަމަށް އޭނާގެ އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.

މި ބަޔާނުގައި ގުޓަރޭޒް ވަނީ މި ހަނގުރާމަ އިތުރަށް ބޮޑުވެއްޖެ ނަމަ އެ ސަރަހައްދަށް ލިބޭނެ ގެއްލުންތަކާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. . 'ސެކްރެޓަރީ ޖެނެރަލް ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރައްވަނީ މެދުއިރުމަތީގައި އުފެދިފައިވާ ފިތުނަތައް ކުޑަކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށެވެ.' އެ ބަޔާނުގައި ވެއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި އޮކްޓޯބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން މަރުވި ޣައްޒާގެ ރައްޔިތުންގެ އަދަދު 21،300 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، 55،600 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. އަދި މީގެތެރެއިން 70 އިންސައްތަ ހިއްސާ ކުރަނީ ކުޑަކުދިންނާއި އަންހެނުންނެވެ.