އެމްއެންޑީއެފްގެ މެރިންކޯރގެ ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް (އެސްއޯޖީ)ގެ ފަރާތުން 23 ވަނަ ގައުމީ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް ރެއިޑް ޑެމޯއެއް ދައްކާލައިފިއެވެ.

އެމްއެންޑީއެފް މެރިންކޯރގެ އިސްނެގުމާއެކު، 23 ވަނަ ގައުމީ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް ދައްކާލުމުގެގޮތުން އެމްއެންޑީއެފްގެ މެރިންކޯރގެ ސްޕެޝަލް އޮޕަރޭޝަންސް ގުރޫޕް (އެސްއޯޖީ)ގެ ފަރާތުން ޑިސެންބަރު 27 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހާއްސަ ހަރަކާތް ބާއްވާފައިވަނީ ކ.ގިރިފުށީ ޓްރޭނިންގ ސެންޓަރުގެ ފަޔަރިންގ ރޭންޖްގައެވެ.

މި ހާއްސަ ޑެމޯ ބައްލަވާލެއްވުމަށްޓަކައި މެރިންކޯރގެ ކޮމަޑާންޓް އަދި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރ (އެމްއެންސީސީ) ގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް އަހްމަދު ޣިޔާސް އާއި މެރިން ކޯރ ގެ ޕްރިންސިޕަލް ޑައިރެކްޓަރ ކާނަލް އަބުދުލް މުއީޒް މުސްތަފާގެ އިތުރުން މެރިން ކޯރ ހެޑްކްއޯޓަރޒް އަދި އެންސީއޯ އެކެޑެމީގެ ސިފައިން ބައިވެރިވެލެއްވިއެވެ.

24 ޑިސެންބަރު 2023 ވަނަ ދުވަހުން ފެށިގެން ދެ ހަފުތާގެ މުއްދަތަށް ކ. ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ކުރިއަށްގެންދާ މި ކެޑޭޓް ކޭމްޕްގައި ކުރިއަށް ގެންދިޔަ މި ޑެމޯ އަށްފަހު، މެރިންކޯރގެ ކޮމަޑާންޓް އަދި އެމްއެންސީސީގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާސް ނެޝަނަލް ކެޑޭޓް ކޭމްޕްގެ ދަރިވަރުންނާއި މުހާތަބުކޮށް ވާހަކަ ދައްކަވާފައިވެއެވެ.

މިގޮތުން ދެއްކެވި ވާހަކަފުޅުގައި ކެޑޭޓްޝިޕްގެ މުހިންމުކަމާ ބެހޭގޮތުންނާއި އަހްލާޤް ރަނގަޅު، ކެރޭ ހީވާގި ކެޑޭޓުން ދިވެހި އަސްކަރިއްޔާއާ ގުޅުމުގެ މުހިންމުކަމަށް ބައްލަވާލައްވާފައެވެ. ކޮމަޑާންޓްގެ ވާހަކަފުޅަށްފަހު މެރިން ކޯރގެ ސްޕެޝަލް އޮޕަރޭޝަންސް ގުރޫޕްގެ މެރީންސް ބޭނުންކުރާ ބައެއް ހަތިޔާރުތައް 23 ވަނަ ގައުމީ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް ދައްކާލުން އޮތެވެ.

އަދި މިދައްކާލުމުގެ ތެރެއިން 23 ވަނަ ގައުމީ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް، މެރިންކޯރގެ ސްޕެޝަލް އޮޕަރޭޝަންސް ގުރޫޕް މެރީންސްއާއެކު ފޮޓޯނެގުމުގެ ސެޝަނެއްވެސް ވަނީ ބޭއްވިފައެވެ.