މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ގެއްލުންވި ގެތަކަށް ރައީސް ޑރ މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ނާއިބު ހުސައިން މުޙައްމަދު ލަތީފު ޒިޔާރަތް ކުރައްވައިފިއެވެ. އެ ގެތަަކަށް ޒިޔާރަތް ކުރައްވައި އެ ދެބޭފުޅުން ވަނީ އެ ގެތަކުގައި ދިރިއުޅޭ މީހުންނާ ވާހަކަ ދައްކަވައި ހާލަތު އޮޅުންފިލުއްވައި، އެ ގެތަކުގައި ހިފައި ގެންގުޅޭ ތަކެއްޗަށް ލިބިފައިވާ ގެއްލުންތައް ވެސް ބައްލަވާލައްވައިފައެވެ.

މި ޒިޔާރަތް ކުރެއްވުމުގައި ރައީސް އާއި ނައިބު ރައީސްގެ އަރިހުގައި ސިޓީތަކާއި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި މާލޭ ސިޓީގެ މޭޔަރު އަހުމަދު ނަރީޝާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

އެގޮތުން، އެއް ގެއަށް ވަޑައިގެން، އެ ގޭގައި ގެންގުޅޭ ބައެއް އެއްޗެހި ހަލާކުވެފައިވާކަން ފާހަގަ ކުރައްވައި، ވަގުތުން އެހީ ފޮނުއްވާނެ ކަމުގެ ޔަގީންކަން އެ އާއިލާއަށް ރައީސްވަނީ ދެއްވާފައެވެ.

މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ 100އަށް ވުރެ ގިނަ ގެއަށް ވަނީ ފެން ވަދެފައެވެ.