މިހާރު މާލެއަށްކުރަމުންދާ ވިއްސާރައިގައި މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ބައެއްގޭގެއަށް ފެން ވަންނަމުންދާތީ އެކަން ހައްލު ކުރުމަށް ސްޓެލްކޯގެ މުވައްޒަފުން ނުކުމެއްޖެއެވެ.

ސްޓެލްކޯއިން ވިދާޅުވެފައިވަނީ އެކުންފުނީގެ މައި އޮފީސް ހުންނަ ސަރަހައްދުގެ ބައެއް ގެތަކަށް ފެންވަނުން ހުއްޓުވުމަށްޓަކައި، އެ ކުންފުނީގެ މުވައްޒަފުން ވަނީ ވެލިބަސްތާ ޖެހުމަށް އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ. އޭގެ އިތުރުން ޕަމްޕު ތަކުގެ އެހީއާއެކު، އެ ކުންފުނީގެ އިންޖީނުގެތަކުގެ ޑީ-ވޯޓަރިންގ ނިޒާމް ބޭނުންކޮށްގެން، އަމީނީ މަގާއި، ކުންފުނީގެ މައިއޮފީސް ހުންނަ ސަރަހައްދުން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.

މާލެއަށް ބޯކޮށް ވާރޭވެހި ބައެއްގޭގައި ހިފައި ގެންގުޅޭ ސާމާނަށް ވެސް ވަނީ ގެއްލުންވެފައެވެ. ފެންވަދެފައިވާ ގޭގެއަށް ރައީސުލްޖުމްހޫރިއްޔާއި އެމަނިކުފާނުގެ ނާއިބު ވަނީ ޒިޔާރަތް ކުރައްވައި ހާލަތު ބައްލަވައިފައެވެ. އަދި ވަގުތުން ފޯރުކޮށްދެވެންހުރި އެހީތެރިކަން ފޯރުކޮށްދެއްވާނޭ ކަމަށް ވަނީ ވިދާޅުވެފައެވެ.