ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލޭ ސިޓީ ކައުންސިލާ ހަވާކުރައްވަން މިއަދު ނިންމަވައިފި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ހުޅުމާލޭ މުނިސިޕަލް ޅިދުމަތްތައް މާލޭ ސިޓީކައުންސިލުގެ ދަށަށް ބަދަލުކުރައްވަން ނިންމާވަފައިވަނީ މިއަދު ބޭއްވި ކެބިނެޓު ބައްދަލުވުމުން ކަމަށެވެ.

އެމަނުކުފާނު ވިދާޅުވެފައިވަނީ އެމަސައްކަތް މާދަމާ (އެކެއް ޖަނަވަރީ) ގައި ފަށާނޭ ކަމަށެވެ. މާދަމާ މަސައްކަތް ފަށައި އެއްބަސްތެރޭގައި ބިމާއި، މެޝިނަރީއާއި މުވައްޒަފުންނާއި އޮފީސްތައް ބަދަލުކޮށް ނިމޭނޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ހުޅުމާލޭގެ ދެ ފިޔަވަހީގައި ވެސް މުނިސިޕަލް ޚިދުމަތްތައް މިހާރު ދެމުން ގެންދަނީ އާބަންކޯއިންނެވެ.

ރައީސް ޑރ. މުއިއްޒު މާލޭ ސިޓީ މޭޔަރަކަށް ހުންނެވި ދުވަސްވަރު ވެސް ހުޅުމާލެ ބެލެހެއްޓުން މާލޭ ސިޓީކައުންސިލަށް ބަދަލުކުރެއްވުމަށް ބާރުއެޅުއްވިއެވެ. އެހެންނަމަވެސް އޭރުއޮތް ސަރުކާރުން އެކަމަށް އިޖާބައެއް ނުދެއްވިއެވެ.