ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހުޅުމާލެ ފޭސް 2 އަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވެފައިވާ ގޮތުގައި ހުޅުމާލޭ ފޭސް ދޭއްގެ ހިޔާފުލެޓު ސަރަހައްދުގައި ޕަންޕު ބަހައްޓައިގެން ހުޅުމާލެ ފަޔަރ ސްޓޭޝަންގެ ސިފައިން މިހާރު ގެންދަނީ ފެން ހިންދުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

ހުޅުމާލޭގެ އިތުރުން މާލޭގެ އެކިސަރަހައްދުން ތަކުން ފެން ހިންދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އެމަސައްކަތުގެ ތެރެއިން ގޭގެއަށް ފެންނުވަންނާނެހެން ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ ގިނަރަށްރަށުގައި ވަނީ ފެންބޮޑުވެފައެވެ. އެގޮތުން ލާމު އަތޮޅުގެ ރަށްތަކާއި ފ.ނިލަންދޫގައި، ފެން ހިންދުމާއި ވެލި ބަސްތާ ޖެހުމުގެ މަސައްކަތުގައި ވެސް ސިފައިން ގެންދަނީ ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ވިއްސާރައިގައި ލާމު އަތޮޅުގެ ރަށްތަކުގެ އިތުރުން، ފ.ނިލަންދޫގައި ފެންބޮޑުވުމުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ސިފައިން ވަނީ ލ.ފޮނަދޫގެ 12 ގެއަކާއި، ފ. ނިލަންދޫގެ 2 ގެއެއްގައާއި، ލ.ގަމުގެ ގެއެއްގައި ޖުމްލަ 129 ވެލި ބަސްތާ ޖަހާދީފައެވެ.

މި މަސައްކަތުގެ އިތުރުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ސިފައިން ވަނީ ލ.ފޮނަދޫގެ ހަތަރު ސަރަހައްދެއްގައާއި، ލ.ގަން، މުކުރިމަގު ސަރަހައްދުގައާއި، ފ.ނިލަންދޫގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތްވެސް ކޮށްފައި ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ކ.ހުރާއަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމާ ގުޅިގެން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުގެ ސިފައިން ވަނީ އެ ރަށުގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކޮށްފައެވެ.