ރާއްޖެއަށްްކުރާ ވިއްސާރާގައި ބޯކޮށްވާރޭވެހި ފެންބޮޑުވުމުން ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމުގެ އިންތިޒާމެއް ހަމަޖައްސަވައި ދެއްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރާގައި މާލޭގައި ފެންބޮޑުވެ ގެއްލުންތައް ލިބުނު ބައެއް ގޭގެއަށް ޒިޔާރަތް ކުރައްވައި އެގެތަކުގެ އަހުލުންގެ ހާލު ބެއްލެވުމަށްފަހުު މީޑިއާއަށް މައުލޫމާތު ދެއްވަމުންނެވެ.
ރައިސް ވިދާޅުވީ ސަރުކާރުން ވިސްނުންގެންގުޅުއްވަނީ މާލޭގެ ހުރިހާ މަގުތަކެއް ވެސް ރަނގަޅު ފެންވަރަކަށް ހެދުމަށް ކަމަށެވެ. އެމަސައްކަތް ކުރައްވާނީ އަޑީގައި މިހާރަށްވުރެ ވަރުގަދަ ސްޓޯމްވޯޓަރ ނިޒާމެއް ޤާއިމުކޮށް މިފަދަ ކަންކަމަށް އެދެވޭ ޙައްލެއް ލިބޭނޭ ގޮތަކަށް ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު މަސައްކަތްކުރައްވާނީ މުޅި ޑިޒާސްޓަރ މެނޭޖްމަންޓް ނިޒާމު ހަރުދަނާކުރައްވައި ކުރިޔަށް އޮތްތަނުގައި މިފަދަ ހާދިސާތަކުގައި މާލެއާ ރާއްޖޭގެ ރަށްތަކުގެ އާންމުންގެ ގެތަކާއި މުދަލާއި ވިޔަފާރިތަކާ އަދި އެނޫންތަންތަނަށް ލިބޭ ގެއްލުންތައް ކުޑަވާނެގޮތަށް ދާއިމީ ޙައްލެއް ހޯއްދަވައި ދެއްވުމަށް ކަމަށެވެ.