މާލެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އަމީނީ މަގުގެ މަސައްކަތް މަޑުޖައްސާލާފައިވާ ކަމަށް ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.

މީގެ ކުރިން މަޑުޖެހިފައި އޮތް އަމީނީ މަގުގެ މަސައްކަތް އަލުން ފަށާފައިވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ. އަދި މި މަސައްކަތް ވީހާވެސް އަވަހަށް ނިންމާލުމަށް އާރުޑީސީން ގެންދަނީ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައިވާ މިންވަރާއި އަދި ކުރިއަށްދާ ގޮތް ވަޒީރުން ގެންދަވަނީ ގަވައިދުން ބައްލަވަމުންނެވެ.

އަމީނީމަގުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދަކީ ހިނގާބިނގާވެ އުޅުމަށް އާންމުނަށް ރައްކާތެރި ސަރަހައްދަކަށް ނުވުމާއިއެކު، އެ ސަރަހައްދަށް އާންމުން ނުދިއުމަށް އާރުޑީސީން ވަނީ އެދިފައެވެ.

އާރުޑީސީން ދަނީ 24 ގަޑިއިރު މަސައްކަތްކޮށް އަމީނީމަގު ވިހާވެސް އަވަހަށް ނިންމޭތޯ މަސައްކަތް ކުރަމުންނެވެ. އަދި ސްކޫލްގެ ދެވަނަ ޓާރމް ފެށުމުގެ ކުރިން އަމީނީ މަގުގައި ތާރުއަޅާ މަގު ބޭނުންކުރަން ފެށޭވަރުވުމަކީ ސަރުކާރުގެ އަމާޒެވެ.

އަމީނީމަގުގެ އެންމެ ފަހު ސެގްމެންޓް 12 އަދި 13 ހިމެނޭ ސަރަހައްދު ތަރައްގީކުރާނީ ކުރިން ނިމިފައިވާ ސެގްމެންޓުތަކަށް ވުރެ ފުޅާކޮށެވެ. މި ދެ ސެގްމެންޓްގައި ހަތަރު ލޭންގެ މަސައްކަތް ނިމޭއިރު އާންމުންނަށް ވަރަށް ބޮޑަށް ލުއި ފަސޭހަ ވެގެންދާނެއެވެ.