މި ދުވަސްވަރަކީ ރާއްޖެއަށް ވިއްސާރަ ދުވަސްވަރެކެވެ. ބޯކޮށް ވާރޭވެހި ފެންބޮޑުވެ ގޭގެއަށް ފެންވަންނަމުންދާ ދުވަސްވަރެކެވެ. އެހެން ކަމުން ފެން ހިނދުމާއި ސާފުކުރާއިރު ސަމާލުކަން ދޭންވީ ބައެއްކަންކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން ވަނީ އާންމުކޮށްފައެވެ.

އިރުޝާދު:

  • ފެން ހިންދާ ސާފުކޮށް ނިމެންދެން ފެނުގެ އަސަރުކޮށްފައިވާ ހިސާބަށް ކުޑަކުދީން ގާތްވިޔަ ނުދެއްވާ.
  • ނަރުދަމާ ޖަންކްޝަން ނުވަތަ ސެޕްޓިކް ޓޭންކު ފުރިގެން ބޭރުވެފައިވާނަމަ ސާފުކުރުމުގެ ކުރީން ޕްބަލިކްހެލްތު ޔުނިޓުގެ އެހީތެރިކަން ހޯއްދަވާ.
  • ހަމުގައި ފާރުގަނޑެއް ހުރިނަމަ ފެންގަނޑުގައި ޖެހުނަ ނުދެއްވާ، ފެން ހިންދުމުގައްޔާއި ސާފުކުރުމުގައި ހަރަކާތްތެރިވާން ޖެހިއްޖެނަމަ ފެން ނުވަންނާނޭހެން މަލަން އަޅާ ފާރުގަނޑު ފޮރުވާލައްވާ.
  • ފެންހިންދުމުގައްޔާއި ފެންހިންދުމަށްފަހު ސާފުކުރުމުގައި ހަރަކާތްތެރިވާއިރު ރައްކާތެރިވުމަށް އަންގިއާއި މާސްކުފަދަ ތަކެތި ބޭނުންކުރައްވާ. އަދި މަސައްކަތް ނިމުމުން މިތަކެތި ކޮތަޅެއްގައި ބަންދު ކުރުމަށްފަހު ރައްކާތެރިކަމާއެކު އުކާލައްވާ.
  • ދޮވެ ޑިސްއިންފެކްޓު ނުކުރެވޭ ތަކެއްޗަށް ފެނުގެ އަސަރުކޮށްފައިވާނަމަ (މިސާލަކަށް، ގޮދަޑި، ސޯފާގެ ފޮތި/ ސްޕޮންޖުބައި، ބާލީސް، ފޮތް އަދި އެހެނިހެން ކަރުދާސްތައް އުކާލައްވާ.
  • ކުޑަކުދީން ކުޅޭތަކެއްޗަށް ފެނުގެ އަސަރުކޮށްފައިވާނަމަ އެތަކެތި އުކާލައްވާ.
  • ފެން ހިންދާ ކުންޏާއި ތަޣައްޔަރުވެފައިވާ ތަކެތި އުކާލުމަށްފަހު ފެނުގެ އަސަރުކޮށްފައިވާ ފާރާއި ތަޅުންގަނޑު އަދި ފަރުނީޗަރު ފެނާއި އޯމޯ ނުވަތަ ބުލީޗު ލައިގެން ރަނގަޅަށް ދޮވުމަށްފަހު މުޅިން ހިކެންދެން ބަހައްޓަވާ.
  • ސާފުކުރުމުގެ މަސައްކަތުގައި ލައިގެންހުރި އަންނައުނު އެހެން އަންނައުނާ ވަކީން ދޮންނަވާ.

މައުލޫމާތު: އެޗުޕީއޭ