އިޒްރޭލުންގެ ޒަޔަނިސްޓުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ނުހުއްޓާނެ ކަމަށާއި ހުރިހާ މަގުސަދެއް ހާސިލް ވަންދެން ހަނގުރާމަ ކުރިއަށް ދާނެ ކަމަށް ޒަޔަނިސްޓުންގެ ޕްރައިމް މިނިސްޓަރު ބެންޖަމިން ނަތަންޔާހު ބުނެފިއެވެ.

އޭނާ މިހެން ބުނީ އިޒްރޭލުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި އޭނާ ބުނެފައިވަނީ އިސްރާއީލުން ޣައްޒާގައި ހަމާސްއާ ދެކޮޅަށް ހިންގާ އޮޕަރޭޝަން 'ގިނަ މަސްތަކެއް' ވަންދެން ކުރިއަށް ގެންދާނެ ކަމަށެވެ.

"ކާމިޔާބު ވުމަށް ވަރަށް ވަގުތު ނަގާނެ. އެތައް މަހެއް ވަންދެން ހަނގުރާމަ ކުރިއަށް ދާނެ. އަޅުގަނޑުގެ ސިޔާސަތު ސާފު - މި ހަނގުރާމައިގެ ހުރިހާ މަޤްޞަދުތަކެއް ޙާޞިލު ކުރެވެންދެން ހަނގުރާމަ ކުރަމުން ގެންދާނަން،" ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ބުންޏެވެ.

މިހާތަނަށް ވެސް އިސްރާއީލުން ވަނީ މި ހަނގުރާމައިގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައި ކަމަށް އޭނާ ބުންޏެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި އޮކްޓޯބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން މަރުވި ޣައްޒާގެ ރައްޔިތުންގެ އަދަދު 21،300 އަށް ވުރެ އިތުރުވެފައިވެއެވެ. އޭގެ އިތުރުން 55،600 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. އަދި މީގެތެރެއިން 70 އިންސައްތަ ހިއްސާ ކުރަނީ ކުޑަކުދިންނާއި އަންހެނުންނެވެ.