މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލު (ނަންބަރު 9/2023) ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ ހައްމަދު މުއިއްޒު މިއަދު (2 ޖަނަވަރީ 2024) ގައި ތަސްދީގް ކުރައްވައިފިއެވެ.

މި ބިލަކީ، މި ދިޔަ އަހަރުގެ ޑިސެންބަރު 18 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 37 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނަކީ މަސައްކަތްތެރިން މަސައްކަތްކުރާ މާހައުލުގެ ސަލާމަތާއި، މަސައްކަތްތެރިންގެ ސިއްހީ ރައްކާތެރިކަމާއި، މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވާ އެނޫންވެސް ފަރާތްތަކުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ. މި ގާނޫނުގެ ދަށުން، މަސައްކަތުގެ މާހައުލުގައި ވަޒީފާއަދާކުރާ ފަރާތްތަކަށް ރައްކާތެރިނޫންނަމަ، ވަޒީފާ ދޭ ފަރާތްތައް ޖޫރިމަނާ ކުރުމަށާއި، މަސައްކަތުގެ މާހައުލުގައި ލިބޭ އަނިޔާތަކަށް ބަދަލު ހޯދުމުގެ ފުރުސަތު ފަހިކޮށްދެއެވެ.

މި ގާނޫނުގެ ބައެއް މަގްސަދުތަކުގެ ތެރޭގައި މަސައްކަތުގެ މާހައުލަކީ ސިއްހީގޮތުން ރައްކާތެރި މާޙައުލެއްކަން ކަށަވަރުކުރުމަށްޓަކައި ހަމަހަމަ އަދި ދެމެހެއްޓެނިވި ނިޒާމެއް ގާއިމުކޮށްފައިވާ ތަނަކަށްހެދުން ހިމެނެއެވެ. މީގެ އިތުރުންވެސް މި ގާނޫނުގައި މަސައްކަތުގެ މާހައުލަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، އަދި މަސައްކަތްތެރިންނާއި މަސައްކަތްކުރުވާ ފަރާތްތަކަކީ ޒިންމާދާރު، މަސްއޫލުވެރި ފަރާތްތަކަކަށް ހެދުމަށްޓަކައި މުހިންމު ގިނަ ކަންކަން ބަޔާންކޮށްފައިވެއެވެ.

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތަކާއި މިންގަނޑުތަކާއި އުސޫލުތައް، މި ގާނޫނަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމުގައި މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގުކުރެއްވުމާއި ގުޅިގެން މި ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީހުން ފެށިގެން 3 މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.