ޒުވާން ހާފިޒް މުއްސަބް ބިން ފައިސަލް އާއި އިސްލާމީ ކަންތަކާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބައްދަލު ކުރައްވައިފިއެވެ.

މުއްސަބް ހާފިޒް ކަމުގެ ސަނަދު ހާސިލް ކޮށްފައިވަނީ 31 ދުވަސް ތެރޭގައި މުޅި ޤުރުއާން ކިޔައިދީ އިމްތިހާންގެ އެއްވަނަ ދަރަޖައިން ފާސް ވެގެންނެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ވަޒީރު ވަނީ މުސްއަބްއަށާއި މުސްޢަބްގެ މައިންބަފައިންނަށް ތަޙުނިޔާ ދަންނަވާ، ޤުރުއާނުގެ ރޮނގުން އިތުރަށް ކުރިއަށް ދިއުމަށް ހިތްވަރުދެއްވާ ނަޞޭޙަތްތެރިވެލައްވާފައެވެ.

މީގެއިތުރުން، ހާފިޒް ކަމުގެ ސަނަދު ހާސިލް ކުރާ ބޭފުޅުންނަށް ހިލޭ އުމްރާ ދަތުރެއް ހަމަޖައްސައިދިނުމަށް ވެސް އިސްލާމީ ވުޒާރާއިން ވަނީ ނިންމަވާފައެވެ. އުމުރުން އެންމެ 13 އަހަރުގައި ހާފިޒް ކަމުގެ ސަނަދު ހާސިލް ކުރި މުއްސަބް އާއި ވަޒީރު ކުރެއްވި މި ބައްދަލުވުމުގެ މުއްސަބްގެ ބެލެނިވެރިންވެސް ވަނީ ބައިވެރިވެފައެވެ.