މަންކީޕޮކްސް އާންމު ކޮށް ފެންނަނީ އެފްރިކާގެ މެދުތެރެއާއި ހުޅަނގު އެފްރިކާގެ ފަޅު ސަރަހައްދުތަކުގައެވެ. މިއީ މަދުން ނޫނީ ނުފެންނަ ވައިރަލް އިންފެކްޝަނެކެވެ. މިބަލި ފުރަތަ ފެނިފައިވަނީ ޖަނަވާރުންގެ ކިބައިން ނަމަވެސް މިދިޔަ 50 އަހަރު ވަރަކަށް މިބަލި އިންސާނުންގެ ކިބައިންވެސް ވަނީ ފެނިފައެވެ. މި އަހަރު މިހާތަނަށް ކޭސްރިޕޯޓް ކޮށްފައިވާ އަދަދު މިދިޔައަހަރަށް ވުރެ ބޮޑަށް އިތުރުވުމާއި އެކު ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔައިން ވަނީ 14 އޮގަސްޓް 2024 ގައި ސިއްޙީނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފައެވެ.

މަންކީ ޕޮކްސް އެކަކު ގައިން އަނެކަކު ގަޔަށް ފެތުރޭ ގޮތް

• ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން: ގިނަ ވަގުތު ގާތުން ކޮންޓެކްޓް ވުމުން

• ބަލި ޖެހިފައިވާ މީހާގެ ހަމުގައި ހުންނަ ބިހިތަކުގައި ނުވަތަ އެއިން ނުކުންނަ ދިޔައިގައި ޖެހުމުން

• ބަލި މީހާގެ ހެދުމާއި ތުވާލި އަދި ބެޑްޝީޓް ފަދަ ތަކެތީގައި ޖެހުމުން

• މާބަނޑު ދުވަސްވަރު ބަލި ޖެހިއްޖެ ނަމަ ބަޑުގައިވާ ދަރިފުޅަށް ބަލި ޖެހުމުގެ ފުރުސަތު އޮވޭ.

• މީހުން، އަތްލުމާއި، ބޮސްދިނުމާއި، ނުވަތަ ޖިންސީ ގުޅުން ހިންގުމުގެ ތެރެއިންނެވެ

• ޖަނަވާރުތައް، ޝިކާރަކުރާއިރު، ހަން ނަގާއިރު، ނުވަތަ ކައްކާއިރުގައި

• މާބަނޑު މީހުންނަށް ބަލިޖެހުމުން ބަނޑުގައި އޮންނަ ދަރިފުޅަށް ވައިރަސް ފެތުރުމުގެ ފުރުސަތު އޮވޭ

މަންކީޕޮކްސްގެ އަލާމާތްތަކުގެ ތެރޭގަ ގަދައަށް ހުންއައުން، ގައިގައި ރިއްސުން، ވަރުބަލިވުން، ގޮށްލުން، ހަމުގައި ބިހި ނަގައެވެ. (ގިނައިން ފެންނަނީ ކުރިމަތިފަރާތާއި ފުރަގަސްފަރާތް އަދި އަނގައިގެ ވަށައިގެން). ބިހިތައް ފުރަތަމަ ނަގާއިރު ހުންނަނީ ރަތް ބިހިތަކެއްގެ ގޮތުގައެވެ. އެއަށްފަހު ފެން ފޮޅަށްވެ، ފޮޅު ފަޅައިގެންގޮސް ކުރަލައެވެ. ހުން އައުންފަދަ އަލާމާތްތަކުން ފެށިގެންގޮސް ބިހި ނަގާ، ކުރަލާ، އަދި ކުރައިގެ ދަށުން އާ ހަން އުފެދި ކުރަ ވެއްޓެންދެން ބަލި ޖެހިފައިވާ މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ.

އާންމުކޮށް މަންކީޕޮކްސް ޖެހިފައިވާ މީހަކަށް އަލާމާތްތައް ފެންނަން ފަށަނީ ބަލިޖެހިފައިވާމީހަކާއި ނުވަތަ ބަލީގެ އިންފެކްޝަން ހުންނަ އެއްޗަކާއި ކޮންޓެކްޓް ވާތާ ގާތްގަނޑަކަށް 5 -21 ދުވަސް ތެރޭގައެވެ.

ބަލިޖެހޭ މުއްދަތަކީ 2-4 ހަފްތާ ނަމަވެސް ހުން ރަނގަޅުވެ ގައިގައު ނަގާފައި ބިހިތައް ހިކި ހަންގަޑު މުޅިން އެކީ ރަނގަޅުވަންދެން ބަލި ފެތުރުމުގެ ފުރުސަތު އޮވެއެވެ. އާދަޔާ ހިލާފު ރޯގާއެއް ޖެހިއްޖެނަމަ އެކަހެރިވެ ވަގުތުން ޑޮކްޓަރަށްދާ ލަފާހޯދަންވާނެއެވެ. މަންކީޕޮކްސް އަށް ވަކި ފަރުވާއެއް ނެތް ނަމަވެސް އަލާމާތްތަކަށް ލުއި ދިނުމަށް ސިމްޕްޓޮމެޓިކް ފަރުވާއެއް ހުށަހަޅަ އެވެ.މަންކީޕޮކްސް ކޭސްއެއް ކަށަވަރު ކުރެވޭނީ ޕީސީއާރު ޓެސްޓެއް ހަދައިގެންނެވެ.

ބަލި ޖެހިފައިވާ މީހުން އަލާމާތްތައް ރިޕޯޓްކޮށް، އެހެން މީހުންނަށް ފެތުރިދާނެ ގޮތް ހުއްޓުވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެކެވެ. އަދި އާދަޔާ ހިލާފު ލޭހޮޅިއެއް ނުވަތަ ރޯގާއެއް ހުރިނަމަ ސީދާ ޑޮކްޓަރެއްގެ ލަފާ ހޯދަން ވާނެއެވެ. ބަލިން ރައްކާތެރި ވުމަށްޓަކައި ގިނަ ގިނައިން އަތް ދޮންނަންވާނެއެވެ.އާންމުކޮށް ބޭނުންކުރާ ތަކެއްޗާއި ތަންތަން ސާފުކޮށް ޑިސްއިންފެކްޓްކުރަން ޖެހޭނެއެވެ. އެންމެ މުހިއްމު ކަމެއްގެ ގޮތުން އަލާމާތްތައް ފެންނަ މީހުންނާ ގާތް ގުޅުމަކުން ދުރުހެލިވާން ވާނެއެވެ.ތޮއްޖެހިފައިވާ ތަންތަނުގައި މާސްކު އެޅުމަކީ ވެސް މުހިއްމު ކަމެކެވެ.

މަޢުލޫމާތު:https://sarukaaru.gov.mv/articles/3527