ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

އެމަނިކުފާނު މިގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމާއި ގުޅޭގޮތުން ރައީސް ނިންމެވި ކަންކަމުގެ ތެރޭގައި ދައުލަތުގެ ގިނަ ވުޒާރާތައް އެކުލެވޭގޮތަށް ނޭޝަނަލް ކްރިއޭޓިވް އިކޮނޮމިކް ކޮމެޓީގެ ނަމުގައި ކޮމެޓީއެއް އެކުލަވާލައި އެ ކޮމެޓީން ގައުމީ ފެންވަރުގައި ކްރިއޭޓިވް އިކޮނޮމީއެއްގެ ސްޓްރެޓެޖީއެއް އެކުލަވާލުމަށް ނިންމެވުން ހިމެނެއެވެ.

މީގެ އިތުރުން ކްރިއޭޓިވް އިކޮނޮމީއަކަށް ދަރިވަރުން ބައްޓަންކުރުމަށް ތައުލީމީ މަންހަޖުގައި ހުރިކަންކަން ދެނެގަތުމާއި ބައިނަލްއަގްވާމީ އާޓްސް ސްކޫލެއްގެ ފެކަލްޓީއެއް ގާއިމުކުރުމާއި ސަރަޙައްދީ ފެންވަރުގެ ޕްރޮޑަކްޝަން ހައުސްއެއް ގާއިމުކުރުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.

އަދި ފަންނީ އަދި އީޖާދީ މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަންޑެއް އެކުލަވާލައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ)ގެ ބެލެނިވެރިކަމުގެ ދަށުން އެފަންޑުން ހިދުމަތްދިނުމަށް ހަމަޖެއްސެވުން ވެސް މީގެ ތެރޭގައި ހިމެނެއެވެ. އެގޮތުން ފޯރުކޮށްދެވޭ ހިދުމަތްތަކުގެ ތެރޭގައި ކްރިއޭޓިވް އިކޮނޮމީގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކަށް އިންކިއުބޭޓަރ ހިދުމަތް ފޯރުކޮށްދިނުމާއި ފަންޑުކޮށްދިނުން ހިމެނެއެވެ.

ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވި ކަންކަމުގެ ތެރޭގައި ސިޓީތައް ތަރައްގީކުރާއިރު އިނޮވޭޝަން ހަބްސް އަދި ޓެކްނޮލޮޖީ ޕާކްފަދަ އުމްރާނީ ވަޞީލަތްތައް ހިމެނޭގޮތަށް ގައުމީ މާސްޓަރ ޕްލޭން އެކުލަވާލުން ހިމެނެއެވެ.