ހުޅުމާލޭގައި މުނިސިޕަލް ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް މާލޭ ސިޓީކައުންސިލަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް މިގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ހުށަހެޅި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

މި ބަދަލު ގެނައުމަށްޓަކައި ގާނޫނީ އިޖުރާތުތައް ނިންމާ މިހާރު އެކި މަރުހަލާތަކަށް ބެހިގެން އެމަސައްކަތް ދަނީ ކުރިޔަށެވެ. އެގޮތުން މި ބަދަލުގެނައުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް 31 ޑިސެންބަރު 2023 އިން ފެށިގެން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްއާއި މިނިސްޓަރ އޮފް ފިނޭންސްއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި މާލެ ސިޓީ ކައުންސިލާއި ރައީސް އޮފީހާއި ގުޅިގެން ކުރިޔަށް ގެންގޮސް އިދާރީގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ގިނަވެގެން 1 މަސްދުވަހުގެ ތެރޭގައި ނިންމެވުމަށް ވެސް ވަޒީރުންގެ މަޖިލީހުން ނިންމެވިއެވެ.

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެކެވެ.