ދިވެހިރާއްޖޭގައި ޓެކްސީކުރުމުގެ ހިދުމަތް ފޯރުކޮށްދެމުންދާ ފަރާތްތަކުގެ މައުލޫމާތު ހިމެނޭ ޓެކްސީ ޑްރައިވަރުންގެ ގައުމީ ދަފުތަރު އެކުލަވައިލުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

އެމަނިކުފާނު މިގޮތަށް ނިންމެވީ މި ހަފުތާގެ އާދިއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

އެގޮތުން މި ދަފުތަރު އެކުލަވާލާއިރު، ޑިޖިޓަލް ޕޭމަންޓް ނިޒާމް އޭގެ ތެރެއިން ގާއިމުކުރެއްވުމަށާއި، ބޭންކުތަކާ މަޝްވަރާކުރައްވައިގެން މިފަދަ ނިޒާމެއްގެ ދިވެހިރާއްޖޭދަށުން ބޭންކުން ނަގާ ނިސްބަތް އުވާލައިގެން މިކަން ކުރެއްވޭނެގޮތެއް ހަމަޖެއްސުމަށާއި، ޓެކްސީ ހިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން ކޭޝް ޕޭމަންޓް ހަދާ ފަރާތްތަކުން ހަދާ ޕޭމަންޓްތަކަކީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގައި ރެކޯޑުކުރެވޭ މުއާމަލާތެއްކަމުގައި ހެދުމަށް ހަމަޖެއްސުން ހިމެނެއެވެ.

އަދި ދުނިޔޭގެ ތަރައްޤީވެފައިވާ ގައުމުތަކުގައި ޓެކްސީގެ ހިދުމަތްދޭ ފެންވަރަށް ރާއްޖޭގައި ފޯރުކޮށްދޭ ޓެކްސީގެ ހިދުމަތް ތަރައްޤީކުރުމަކީ ދިގުރާސްތާގައި ހާސިލުކުރުމަށް ބޭނުންވާ ކަމަކަށްވާތީ، މިކަން ހާސިލުކުރުމަށްޓަކައި ކުރައްވަންޖެހޭ ހުރިހާ މަސައްކަތެއް ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކޮށްގެން ކުރުމަށް ރައީސް ނިންމަވާފައިވެއެވެ. ހަމައެއާއެކު، ޓެކްސީ ޑްރައިވަރުންނާއި، މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކުގެ ހައްގުތަކާއި، އެ ފަރާތްތަކުގެ ޒިންމާތައް ހިމެނޭގޮތަށް ކަމާގުޅޭ ހުރިހާ ފަރާތްތަކުގެ މަޝްވަރާއާއެކު އުސޫލެއް އެކުލަވާލުމަށް އެމަނިކުފާނު ނިންމަވާފައިވެއެވެ.

މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ ރާއްޖޭގައި ޓެކްސީކުރުމުގެ ހިދުމަތް ފޯރުކޮށްދެމުންދާ ފަރާތްތަކުގެ މައުލޫމާތު ހިމެނޭ ޓެކްސީ ޑްރައިވަރުންގެ ގައުމީ ދަފުތަރު ހަރުދަނާ އުސޫލެއްގައި ތައްޔާރުކުރުމަށް މުހިންމު ނިންމެވުންތައް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ނިންމަވާފައެވެ.