ހިލޭ މެޑިކަލް ޗެކަޕް ހިދުމަތް ފެށުމާއެކު އާސަންދައިން ކުރާ ހަރަދުތައް ކުޑަވެގެން ދާނެ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ ޗީފް އެގްޒެކެޓިވް އޮފިސަރ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް ހަދަން ފެށުމުން އާސަންދައިގެ ދަށުން ކުރާ ހިދުމަތްތަކަށް ބޮޑު ހަރަދެއް ނުހިނގާނެ ކަމަށް ހީނާ ވިދާޅުވިއެވެ. އަދި މެޑިކަލް ޗެކަޕްގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ސަރުކާރުގެ ހޮސްޕިޓަލުތަކުންނާއި ސިއްހީ ހިދުމަތްދޭ ތަންތަނުން ފެށުމުން ރައްޔިތުންނަށް ލުޔެއް ލިބިގެންދާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

"އާސަންދައިގެ ދަށުން މި ހިދުމަތް ދެވެން ފެށުމަކީ އޭގެ ސަބަބުން ރައްޔިތުންގެ އަތުން އިތުރު ހަރަދެއް ނުކޮށް ސިއްހީ ހިދުމަތް ހޯދުމަށް ލިބޭ ފުރުސަތެއް. މިކަމުގެ ސަބަބުން ސަރުކާރަށާއި ރައްޔިތުންނަށް ފައިދާ ކުރާނެ. ބޮޑެތި ބަލިތައް ހުންނަ ފަރާތްތަކުން މި ޗެކަޕްގެ ހިދުމަތް ލިބިގަތުމުން ކުރިއަށް ކަން ކުރަންޖެހޭ ގޮތް އެނގިގެންދާނެ." ހީނާ ވިދާޅުވިއެވެ.

ސަރުކާރުގެ ހުރިހާ ހޮސްޕިޓަލަކުން ކިޔުގައި ނުޖެހި މި ހިދުމަތް ލިބިގެންދާނެ ކަމަށާއި މެޑިކަލް ޗެކަޕް ހެދުމަށް ނަން ނޯޓު ކުރާ އެންމެހާ ފަރާތްތަކުން ޗެކަޕް އެއްކޮށް ފުރިހަމަ ކުރުމަށް އިލްތިމާސްކުރާކަމަށް ވެސް ހީނާ ވަނީ ވިދާޅުވެފައެވެ. އަދި ޗެކަޕް ފުރިހަމަކުރުމުން ބޮޑެތި ބަލިތައް ޖެހިފައިވާ ކަމުގެ ފުރަތަމަ އަލާމާތް ފެނިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމަން އާސަންދައިގެ މެނޭޖިން ޑިރެކްޓަރ އައިމިނަތު ޒީނިޔާ ވަނީ ރާއްޖެއިން ބޭރުން ހޯދަންޖެހޭ ސިއްހީ ހިދުމަތުގެ އަގުތައް ބޮޑުވެގެން އަބަދުވެސް ޝަކުވާ ލިބޭކަން ފާހަގަކުރައްވާފައެވެ. އަދި އާސަންދައިން ރާއްޖޭން ބޭރާއި ރާއްޖޭގައި ދެވޭ ސިއްހީ ހިދުމަތުގެ އަގު މުރާޖަޢާ ކުރުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާކަމަށްވެސް ޒީނިޔާ ވިދާޅުވިއެވެ.