އޮކްޓޯބަރު ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭއީލުގެ ޒަޔަނިސްޓުން ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 22،185 އަށް އަރާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީއިން މިހެން ބުނެފައިވަނީ އެ މިނިސްޓްރީގެ ފޭސްބުކް އޮފިޝަލް އެކައުންޓުން ނެރުނު ބަޔާނެއްގައެވެ. ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 22،185 އަށް އަރައިފައިވާއިރު 57،035 މީހުންނަށް ޒަޚަމްތަކެއް ލިބިފައިވާ ކަމަށް މިބަޔާނުގައި ވެއެވެ. މިނިސްޓްރީން ބުނާ ގޮތުގައި 207 މީހުން ޝަހީދުވެ 338 މީހުން ޒަހަމްވެފައިވަނީ ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައެވެ.

ޣައްޒާގައި މިވަގުތު ރެފިއުޖީ ކޭންޕްތަކުގައި 1.9 މިލިޔަން މީހުންދަނީ ދިރިއުޅެމުންނެވެ. ރެފިއުޖީ ކޭންޕްތަކުގައި މީހުންގިނަވެ ތޮއްޖެހުމުގެ ސަބަބުން އެކި ޒާތްޒާތުގެ ބަލިމަޑުކަން ޣައްޒާގެ ރައްޔިތުން މެދުގައި ދަނީ ފެތުރެމުންނެވެ. އަދި މި ބަލިތަކަށް ފަރުވާ ދެވޭނެ ގޮތެއް ނެތުމުގެ ސަބަބުން ވެސް ޣައްޒާގައި އެތަށް ބަޔަކު ދަނީ ޝަހީދު ވަމުންނެވެެ. އިޒްރޭލުގެ އަނިޠާވެރި ޒަޔަނިސްޓުން ދަނީ މި ރެފިއުޖީ ކޭންޕްތަކަށް ވެސް ހަމަލާ ދެމުންނެވެ.