ގައުމީ ކެޑޭޓް ކޭމްޕްގައި ބައިވެރިވުމަށް ރާއްޖެއިން ބޭރުން ޒިޔާރަތްކުރި ކެޑޭޓުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައެވެ.

23 ވަނަ ގައުމީ ކެޑޭޓް ކޭމްޕުގައި އަވައްޓެރި ބައެއް ގައުމުތައް ކަމުގައިވާ އިންޑިޔާ، ސްރީލަންކާ އަދި ނޭޕާލްގެ ކެޑޭޓުން ބައިވެރިވެއެވެ. އަދި މި ކެޑޭޓުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހުރިހާ ކެޑޭޓުންނަށް މަރުހަބާ ވިދާޅުވެފައެވެ.

މީގެއިތުރުން އެހެން ސަގާފަތްތައް ދަސްކުރުމަށް ކެޑޭޓުން ދޭ ސަމާލުކަން ފާހަގަކުރައްވައި މި ކޭމްޕުގެ ސަބަބުން ކެޑޭޓުންގެ އަމިއްލަ ކުރިއެރުމަށް ވެސް ގިނަ ފައިދާތަކެއް ލިބިގެންދިއުމަށް އުންމީދު ކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެކި ސަގާފަތްތަކުގެ މުއްސަނދި ޚިޔާލުތަކާއި ތަފާތު ތަޖުރިބާތަކުގެ ބޭނުން ހިފުމަށް ކެޑޭޓުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި އިންޑިޔާއާއި، ސްރީލަންކާ އަދި ނޭޕާލްގެ ކެޑޭޓް ވަފުދުތަކުން ހަދިޔާ ބަދަލުކުރުން ވެސް އޮތެވެ. އަދި މި ބައްދަލުކުރެއްވުމުގެ ބައިވެރިން ވަނީ ދިވެހިސަރުކާރުން އެ ކެޑޭޓުންނަށް އަދާކުރެއްވި މެހެމާންދާރީ ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ.

1991 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއިން އަންނަނީ ކޮންމެ އަހަރަކު ގައުމީ ކެޑޭޓް ކޭމްޕް ބާއްވަމުންނެވެ. އެގޮތުން މިއަހަރު ބާއްވާ ގައުމީ ކެޑޭޓް ކޭމްޕް ކުރިޔަށްގެންދަނީ 23 ޑިސެންބަރު 2023 އިން 4 ޖަނަވަރީ 2024 އަށް ގިރިފުށީގައެވެ.